ކުރިއަށް އޮތް ތިން އަހަރު ދައުލަތުން ހިންގުމަށް ބޭނުންވާ އާ މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި، ބަޖެޓުން ހިންގާނެ ކަންކަން ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ދައުލަތުގެ ވުޒާރާތަކަށް އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައިވާ ގޮތުން، 2027 އިން 2029 އަށް އެކުލަވާލާ ބަޖެޓުގައި "ނިއު ޕޮލިސީ އިނީޝިއޭޓިވް" ނުވަތަ އާ ސިޔާސަތުތަކުގެ ދަށުން ހިމަނާނެ ކަންކަން ކަނޑައެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިގޮތުން ހުށަހަޅާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުމްރާނީ ތަރައްގީއަށެވެ.

ބަޖެޓުގެ ތަފްސީލަށް ބަލާއިރު، އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް 2 ބިލިއަން ރުފިޔާ ވަނީ ހާއްސަކޮށްފައެވެ. އަދި އެހެނިހެން ދާއިރާތަކުން ހިންގާ އާ ކަންކަމަށް 500 މިލިއަން ރުފިޔާގެ ސީލިންގެއް ވަނީ ކަނޑައަޅާފައެވެ. ފިނޭންސް މިނިސްޓްރީން ބަޔާންކުރި ގޮތުގައި، މި މަޝްރޫއުތައް ބިނާވާންވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައިވާ ވައުދުތަކުގެ މައްޗަށެވެ. މީގެ އިތުރުން ގާނޫނީ ގޮތުން ނުވަތަ އެއްބަސްވުމެއްގެ ދަށުން ދައުލަތުން ކުރަން ލާޒިމުވާ ކަންކަން ވެސް މި ބައިގައި ހިމެނޭނެއެވެ.

މި ފަހަރުގެ ބަޖެޓު އެކުލަވާލުމުގައި ދެ ކަމަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ ނިންމާފައެވެ. އެއީ:

މިންތީގެ ހަމަހަމަކަން: އިޖްތިމާއީ ބައިވެރިވުން އިތުރުކުރުމަށްޓަކައި "ޖެންޑާ އިކުއިޓީ އެންޑް ސޯޝަލް އިންކްލޫޝަން" ބަޖެޓިންގެ މަސައްކަތްތައް ޕައިލެޓްކުރުން.

ތިމާވެށި: މޫސުމީ ބަދަލުތަކަށް އިސްކަންދޭ ބަޖެޓެއް އެކުލަވާލުމަށްޓަކައި، ހުށަހަޅާ ކަންކަމަކީ ތިމާވެއްޓާ ގުޅުންހުރި ކަންކަންތޯ ބެލުން.

ދައުލަތުގެ އިދާރާތަކުން ބަޖެޓުގައި ހިމަނަން ބޭނުންވާ އާ ކަންކަން އަންނަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުގެ ކުރިން ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ. ފިނޭންސް މިނިސްޓްރީން މި ފުރުސަތު ހުޅުވާލާފައިވަނީ ދުރާލާ ރޭވުންތެރިކަމާއެކު ބަޖެޓުގެ މަސައްކަތްތައް ނިންމުމަށެވެ.