ސައުދީ އަރަބިއްޔާގެ ބަޖެޓް އެއާލައިން، ފްލައިނާސް އިން ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް އަލުން ފަށައި، އެ އެއާލައިންގެ ފުރަތަމަ ފްލައިޓް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މި ފެށުނު ދަތުރުތަކުގެ ދަށުން ސައުދީގެ ރިޔާދުގައި އޮންނަ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖެއާ ދެމެދު ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ މުހިންމު ފުރުސަތެއްކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
އެމްއޭސީއެލް އިން ބުނީ ދަތުރުތައް އަލުން ފެށުމުގެ ގޮތުން ރިޔާދުން އައި ފްލައިނާސްގެ ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ ވޯޓާ ސެލިއުޓަކާއެކުކަމަށެވެ.
މީގެ އިތުރުން ދިވެހި ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކާއެކު ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައިވާކަމަށާއި، މި ހާއްސަ މުނާސަބަތާ ގުޅިގެން ރާއްޖެއަށް އައި ފަސިންޖަރުންނަށާއި އެ އެއާލައިނުން ފުރި ފަސިންޖަރުންނަށް ހަނދާނީ ހަދިޔާ ވެސް ދީފައިވާކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
އެމްއޭސީއެލް އިން އިތުރަށް ބުނީ ފްލައިނާސްގެ ދަތުރުތައް އަލުން ފެށުމަކީ މެދުއިރުމަތީގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބިގެންދާނެ ބޮޑު ލުޔެއްކަމަށާއި، ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ގައުމަކަށްވުމުން މި ދަތުރުތަކުގެ ސަބަބުން އެ ސަރަހައްދުން ރާއްޖެއަށް އޮތް ޑިމާންޑް އިތުރަށް އުފުލިގެންދާނެކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުކުރުމަށް އެމްއޭސީއެލް އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ކުންފުނިން ވަނީ އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ބައިނަލްއަގުވާމީ އެއާލައިންތަކާ ގުޅިގެން ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަރުވާ، ފަސިންޖަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުން ކަމުގައި ބުނެފައެވެ.
