ވިޔަފާރި އުސޫލުން ގޭސް ގަންނަ ފަރާތްތަކަށް، މޯލްޑިވް ގޭހުން ގޭހުގެ އަގު ބޮޑުކޮށްފިއެވެ.
މޯލްޑިވް ގޭހުން ހާމަކުރި ގޮތުގައި، ވިޔަފާރިތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުކުރަން ޖެހުނު މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ގޭސް ލިބުމަށް ދަތިތަކާ ކުރިމަތިވެ، ގޭސް އިމްޕޯޓް ކުރުމަށް ކުރަންޖެހޭ ހޭދަ އިތުރުވުމެވެ.
އެގޮތުން އަލަށް ގެނައި މި ބަދަލާއެކު، އެންމެ ބޮޑު ޕަސެންޓްއެއް އިތުރުވެފައިވަނީ ރިސޯޓުތަކަށް ވިއްކާ ގޭހުގެ އަގަށެވެ. އެގޮތުން ރިސޯޓުތަކަށް ވިއްކާ ގޭހުގެ އަގު 25 ޕަސެންޓް ބޮޑުކޮށްފައިވާއިރު، ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓުތަކަށް ވިއްކާ ގޭހުގެ އަގު ވަނީ 15 ޕަސެންޓް ބޮޑުކޮށްފައެވެ.
މި ބަދަލާއެކު، 45 ކިލޯގެ ގޭސް ފުޅިއެއްގެ އަގު މިހާރު ވަނީ 1,314 ރުފިޔާއަށް އުފުލިފައެވެ. އަދި 22 ކިލޯގެ ގޭސް ފުޅިއެއްގެ އަގު މިހާރު ހުރީ 500 ރުފިޔާގައެވެ.
މި ބަދަލު އަމާޒުކޮށްފައިވަނީ ރިސޯޓުތަކާއި، ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާ ފަދަ ވިޔަފާރި ބޭނުންތަކަށް ގޭސް ބޭނުންކުރާ ފަރާތްތަކަށެވެ. އެހެންނަމަވެސް، މިއީ އާންމު ގޭބިސީތަކަށް އަސަރުކުރާނެ ބަދަލެއް ނޫން ކަމަށާއި، ގޭބިސީތަކަށް ވިއްކާ ގޭހުގެ އަގު ހުރީ ކުރިންވެސް ހުރި މިންވަރުގައި ކަމަށް އެ ކުންފުނިން ބުނެއެވެ.
