ގޭހުގެ އާ ޝިޕްމެންޓު ލިބިއްޖެކަމަށާއި، މިހާރު 10 ކިލޯގެ ގޭސް ފުޅި ލިބޭނެކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯއިން ބުނީ ގޭހުގެ އާ ޝިޕްމަންޓް ލިބި ދިމާވި ގޭހުގެ ދަތިކަން ހައްލުކޮށް މިހާރު 10 ކިލޯގެ ގޭސް ފުޅި މޯލްޑިވްސް ގޭސް އިން ލިބޭނެކަމަށެވެ.
މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލި، ސަޕްލައި ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވުމާއި ގުޅިގެން މި މަހު ކުރީކޮޅުން ފެށިގެން 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ވިއްކަމުން އައީ 5 ކިލޯ ގޭސްފުޅިއެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ އަސަރު ދިވެހި ގައުމާއި ރައްޔިތުންނަށް ކުރާ މިންވަރު ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާއެކު، ސަރުކާރުން ދަނީ ވަރަށް ހަލުވި އަދި ރޭވުންތެރި ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ.
އެގޮތުން އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނޭ ގޮތުގެ މަތީން ދަމަހައްޓަމުންދާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، ސަޕްލަޔަރުންނާއެކު ދުރާލާ އެއްބަސްވެފައިވާ "ނޮމިނޭޝަން" އެރޭންޖްމެންޓުގެ ދަށުން ކަން މިނިސްތަރު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް އެއްބަސްވެފައިވާ ތާރީހުތަކާ އެއްގޮތަށް ތެލުގެ އިތުރު ޝިޕްމެންޓްތައް ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުމުގެ ސަބަބުން ތެލާއި ގޭހުގެ އަގު އުފުލިފައިވާއިރު، އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު ވެސް ވަނީ ބޮޑުކޮށްފައެވެ.
