ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި މިއަދަކީ ޕޯޓް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަހެއް ނަމަވެސް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި (ޕެރިޝަބަލް މުދާ) ބޭލުމާއި ކްލިއާކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދުވެސް ކުރިއަށް ގެންދަމުންދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
މާލެ ވިޔަފާރި ބަނދަރުގައި ކުރިއަށްދާ މި މަސައްކަތްތަކުގެ ތެރެއިން، ޖެނެރަލް ކާގޯ ވެސަލް "ސީ އެންޖަލް" އިން މުދާ ބޭލުމުގެ މަސައްކަތް މިއަދު ހަވީރު ވަނީ ފުރިހަމަކޮށްފައެވެ. މި ބޯޓުން ގިނަ އަދަދެއްގެ ބިހާއި، ފިޔާ އަދި އަލުވި ބާލާފައިވާ ކަމަށް އެމްޕީއެލް އިން މަޢުލޫމާތު ދެއެވެ.
މީގެ އިތުރުން، "ނަވާލް" ނަމަކަށް ކިޔާ ޖެނެރަލް ކާގޯ ވެސަލް އިން މުދާ ހުސްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މި އުޅަނދުންވެސް މައިގަނޑު ގޮތެއްގައި ބާލަމުންދަނީ ރާއްޖޭގެ ބާޒާރަށް ނުހަނު ބޭނުންތެރި ކާބޯތަކެތީގެ ބާވަތްތައް ކަމަށްވާ ފިޔާ، އަލުވި އަދި ބިހެވެ.
އެމްޕީއެލް އިން ހާމަކުރި ގޮތުގައި، ޕޯޓު ބަންދު ދުވަހެއް ނަމަވެސް މިއަދު މެންދުރު 1:30 އާ ހަމައަށް ޕެރިޝަބަލް މުދާ ކްލިއާކުރުމުގެ ހިދުމަތް ވަނީ މުދާ އެތެރެކުރާ ފަރާތްތަކަށް ފޯރުކޮށްދީފައެވެ. އަދި ހާއްސަ އިންތިޒާމްތަކުގެ ދަށުން މިރޭ 20:00 އިން ފެށިގެން އަލުން ޕެރިޝަބަަލް މުދާ ކްލިއާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
