ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ފެށުނު ހިޖުރީ އާ އަހަރުގެ ހެޔޮ އެދުމާ ތަހުނިޔާ ފޮނުއްވައިފިއެވެ.

ހިޖުރީ އާ އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، އެންމެހައި މުސްލިމް އަހުންނަށާއި އުހުތުންނަށް އަރިސްކުރައްވާ ނެރުއްވި ހިތާބުގައި ރައީސް ވިދާޅުވީ، ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން އުފެދޭ ހިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކުރުމަށެވެ.

އަދި ގައުމީ މަސްލަހަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުމަކީ، މިއަދު މި ބަރަކާތްތެރި މުނާސަބަތުން އަޅުގަނޑުމެން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ގައުމެއް ބިނާކޮށް އާރާސްތު ކުރެވޭނީ އެންމެންގެ ހިތްތައް ސާފުވެ، އެއް އަމާޒަކަށް ދިޔުމަށް އަތުގުޅާލައިގެން ކަމުގައި ވިދާޅުވިއެވެ.

މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންސާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫޙު މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢުގައި ދިރުވަން ޖެހޭކަން ފާހަގަ ކުރައްވާ ރައީސް އިތުރަށް ވިދާޅުވީ، ސިޔާސީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އުފެދޭ ހިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކޮށް، ގައުމީ މަސްލަހަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުމަކީ، މިއަދު މި ބަރަކާތްތެރި މުނާސަބަތުން އަޅުގަނޑުމެން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު ކަމަށެވެ.

"އެހެންކަމުން، މިއަދު އަޅުގަނޑުމެންވެސް ޢަޒުމް ކަނޑައަޅަންވީ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއި މުޖުތަމައު އިސްލާހުކޮށް، ނޭދެވޭ އެންމެހައި ކަންކަމުން ދުރުވެ، ހެޔޮކަމުގެ މަގަށް، ހިތާއި ނަފްސުން ހިޖުރަކުރުމަށް" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ، އަދި އެންމެ މުހިންމު އެއް އަމާޒަކީ، އިސްލާމީ ސައްހަ އަގީދާގެ ބިންގަލުގެ މަތީގައި، އަދި ދިވެހިވަންތަ ރިވެތި އަޚްލާޤުގެ މަތީގައި ބޮޑުވާ، ދީނާއި ގައުމަށް ވަފާތެރި ޖީލެއް ބިނާކުރުމެވެ. ދިވެހީންގެ މެދުގައި އޮތް ސައްތައިންސައްތަ އިސްލާމީ ވަހްދަތަކީ، އަޅުގަނޑުމެންގެ އެންމެ ބޮޑު ބާރެވެ. އެހެންކަމުން، މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ، އިސްލާމީ މަތިވެރި އުސޫލުތައް ހިމާޔަތްކޮށް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި، ހުރިހާ ރައްޔިތުންނަށް އަދުލުވެރިކަމާއި ހަމަހަމަކަން ކަށަވަރުކޮށްދިނުމަށް ކަމަށް ވިދާޅުވެފައި ވެއެވެ.

މި ފެށުނު އާ އަހަރަކީ، އަޅުގަނޑުމެންގެ އިގްތިސާދު އާރާސްތުކޮށް، އިޖުތިމާއީ ފޭރާން ވަރުގަދަކުރުމަށް ލިބޭ އާ ފުރުސަތެއް ކަމަށާ މިއަދު ދުނިޔެއަށް ކުރިމަތިވަމުންދާ އެކިކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނީ، އާ އީޖާދުތަކާއެކު، ހީވާގިކަމާއި މުރާލިކަމާއެކު މަސައްކަތްކޮށް އެކަންކަމަށް ކުރިމަތިލައިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އިސްލާމީ އުސޫލުތަކާއި ދިވެހިވަންތަ ސަގާފަތް ދަމަހައްޓައި، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމު އާ އުސްމިންތަކަކަށް ގެންދިޔުމަށް ހުރިހާ ރައްޔިތުން އެކުއެކީގައި، އާ ޢަޒުމެއްގައި މަސައްކަތް ކުރެއްވުމަށް މި މުނާސަބަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް ފަލަސްތީނުގެ ބިމުގައި އަނިޔާ ލިބެމުންދާ އަޅުގަނޑުމެންގެ އަހުންނާއި އުހުތުންނަށް ހެޔޮދުއާ ކުރުމުގައި ދެމިތިއްބެވުމަށްވެސް އެމަނިކުފާނު ވަނީ ހަނދާންކޮށްދެއްވާފަ އެވެ.

އެމަނިކުފާނު ހިތާބު ނިންމަވައިލެއްވީ މި ފެށުނު ހިޖުރީ އާ އަހަރަކީ، ދިވެހިރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް ބާއްޖަވެރި، އަމާން، އަދި ފާގަތި އަހަރެއް ކަމުގައި ލެއްވުމަށާއި އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަކުރައްވައި، ގައުމަށް ކުރިއެރުމާއި ތަނަވަސްކަން މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވަމުންނެވެ.