މި ސަރުކާރު ވެރިކަމަށް އައިއިރު ގައުމު ވައްޓާލާފައި އޮތް ދަރަނީގެ އަނދަވަޅުގެ ފުންކަން ތަފާސް ހިސާބުތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސާފުކޮށްދެއްވައިފިއެވެ.

ދ. މީދޫ ކައުންސިލް ރައީސްގެ އިންތިހާބުން ލިބުނު ކާމިޔާބު ފާހަގަ ކުރުމަށް އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ މިސަރުކާރުން ނެގި ބޮޑެތި ދަރަނިތަކެއް ހިމެނޭ ކަމަށް އިދިކޮޅުން ކުރާ ތުހުމަތަަކަށް ރައްދު ދެއްވާފައެެވެ.

އެގޮތުން، ތަފާސް ހިސާބުތައް އާންމު ކުރައްވާ ރައީސް ވިދާޅުވީ މި ސަރުކާރުން ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ބޭރުގެ ދަރަނި އަދާކުރުމަށް ޖުމްލަ 1.2 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރެއްވި ކަމަށެވެ. އަދި ކުރީގެ ރައީސުން ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި ދަރަނިތައް ދެއްކެވުމަށް ހަރަދު ކުރެއްވި ތަފާސް ހިސާބުތަކަކީ:

  • 2018 ވަނަ އަހަރު ގާއިމުކުރި އެމްޑީޕީގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި ބޭރުގެ ދަރަނި ދެއްކުމަށް ހަރަދުކުރީ 428.68 މިލިއަން ޑޮލަރު
  • ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރައި ބައިގެ ތެރޭ ބޭރުގެ ދަރަނި އަދާކުރުމަށް ހަރަދުކުރީ 191.25 މިލިއަން ޑޮލަރު
  • އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރު ތެރޭ ބޭރުގެ ދަރަނި އަދާކުރުމަށް ހަރަދުކޮށްފައިވަނީ 953.93 މިލިއަން ޑޮލަރު
  • އަދި ރައީސް ޔާމީނުގެ ވެރިކަމުގައި 2013 އިން 2018 އަށް ބޭރުގެ ދަރަނި އަދާކުރުމަށް ހަރަދުވީ 418.17 މިލިއަން ޑޮލަރު

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން ދައްކައި ހަލާސްކުރި ދަރަނީގެ ތެރެއިން އެންމެ ބޮޑު އިންސައްތައަކީ 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އޭރު އޮތް އެމްޑީޕީ ސަރުކާރުގައި އުފެއްދި 891.2 މިލިއަން ޑޮލަރެވެ.

ފާއިތުވި ސަރުކާރުތަކުން ސޮއިކޮށްފައިވާ ބޭރުގެ ދަރަނި އަދާކުރުމަށް މި ސަރުކާރުން މިހާތަނަށް ކުރި ހަރަދުގެ ތަފާސް ހިސާބުތައް

ހަމަ އެހެންމެ 2013 އާއި 2018 އާ ދެމެދުގެ ސަރުކާރުން އުފެއްދި 195.7 މިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން ދައްކައި ވަނީ ހަލާސްކޮށްފައެވެ. އަދި 2008 އިން 2013 އާ ދެމެދުގައި އެއިރުގެ ދެ ސަރުކާރުން އުފެއްދި ދަރަނީގެ ތެރެއިން 62.5 މިލިއަން ޑޮލަރު މި ސަރުކާރުން ދައްކައި ހަލާސްކުރިއިރު، 2008 ގެ ކުރިން އެއިރުގެ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން 38.1 މިލިއަން ޑޮލަރުވެސް މި ސަރުކާރުން ދައްކައި ހަލާސްކޮށްފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 891 މިލިއަން ޑޮލަރު އަޅުގަނޑުމެން މިހާރު ދައްކައިިފިން. ރައީސް ޔާމީނު ސަރުކާރުގައި ނެގި ދަރަނިތަކުގެ ތެރެއިން 195 މިލިއަން ޑޮލަރު މި 1.2 ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ. ރައީސް ނަޝިދާއި ރައީސް ވަހީދުގެ ދެ ސަރުކާރު އެއްކޮށް އެ ފަސް އަހަރު ތެރޭގައި ނަގާފައި ހުރި ދަރަނީގެ ތެރެއިން ވެސް 62.5 މިލިއަން ޑޮލަރު މި 1.2 ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ، ހަމަ އެގޮތަށް ކުރީގެ ރައީސް މައުމޫނުގެ ސަރުކާރުން ނަގާފައި ހުރި ދަރަނީގެ ތެރެއިން ވެސް 38.1 މިލިއަން ޑޮލަރު، މި 1.2 ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ"
ރައީސް

އެމަނިކުފާނު ވިދާޅުވީ އެ އަދަދުަތައް ދެއްކުމުން ވެސް އެ ސަރުކާރުތަކުގެ ދަރަނީގެ ތެރެއިން އެތައް މިލިއަން ޑޮލަރެއް އަދި ދައްކަން އެބަހުރި ކަމަށެވެ. އެކަމަކު އަދާކުރި ދަރަނީގެ ތެރޭގައި މިސަރުކާރުން ނެގި ދަރަނީގެ ތެރެއިން ހިމެނެނީ އެންމެ ހަތަރު މިލިއަން ޑޮލަރު ކަމަށް ވިދާޅުވި އެވެ.

ރައީސް ހާމަ ކުރެއްވި ގޮތުގައި މި ސަރުކާރުން ނެގި ދަރަނީގެ ތެރެއިން ކުރިއަށް އޮތް އަހަރުތަކުގައި ދައްކަންޖެހޭ ދަރަނީގެ ގޮތުގައި އޮތީ 219.7 މިލިއަން ޑޮލަރެވެ. ނަމަވެސް 2018 އިން 2023 އަށް އެމްޑީޕީގެ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ދައްކަންޖެހޭ 1.14 ބިލިއަން ޑޮލަރުގެ ދަރަނި އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަގުން 123.6 އިންސައްތާގައި ހުރި ދަރަނި މި ސަރުކާރުން މިހާރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 121.2 ނިސްބަތަށް ތިރިކޮށްފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.