2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް އަމާޒުކޮށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސަފުތައް އަލުން ރުކުރުވާލުމާ ގުޅޭގޮތުން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައި މުހިއްމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދާއެކު މިއަދު ބޭއްވި މި ބައްދަލުވުމުގައި، ޝާހިދު ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ. އެ ބައްދަލުވުމަށް ފަހު އެކްސްގައި ޝާހީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ކުރިއަށް އޮތް ތަނުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމާއި، ސިޔާސީ މައިދާނުގައި އެމްޑީޕީގެ ދައުރު ފުޅާކުރުން ކަމަށެވެ.
އެގޮތުން ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މިހާރުގެ ސަރުކާރު ޖަވާބުދާރީކުރުވުމާ ގުޅޭގޮތުން ވަރަށް މުހިއްމު މަޝްވަރާތަކެއް ކުރެވުނު ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސެކްރެޓޭރިއަޓްގެ ހަރަކާތްތައް މިހާރަށްވުރެ ހަރުދަނާކޮށް، 2028 ވަނަ އަހަރުގެ އިންތިހާބަށް ޕާޓީ ތައްޔާރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި ނަޝީދަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ޝާހިދު ވަނީ ދެއްވާފައެވެ.
"ޕާޓީގެ ރައީސްގެ ހައިސިއްޔަތުން، 2028 އަށް ޕާޓީގެ ސަފުތައް ރުކުރުވާލުމަށް އެމަނިކުފާނަށް (ރައީސް ނަޝީދަށް) ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެރުވިން،" ޝާހިދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަން މަގާމަށް އިންތިހާބުވެވަޑައިގަތީ ވޯޓުލީ މީހުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މުޅި ރާއްޖޭގައި ބެހެއްޓުނު ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، އެމަނިކުފާނަށް ވަނީ 21،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގަންނަވާފައެވެ. މިއީ ވޯޓުލީ މީހުންގެ ގާތްގަނޑަކަށް 68 ޕަސެންޓަށް ވުރެ މަތީ ނިސްބަތެކެވެ.
މި ކާމިޔާބީއާ ގުޅިގެން ރައީސް ނަޝީދު ދެއްވި ބަސްފުޅުގައި، އެމްޑީޕީގެ އާންމު މެންބަރުން އެމަނިކުފާނަށް ކުރެއްވި އިތުބާރަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް މަސައްކަތްކުރާނެ ޕާޓީއެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުގެ އަމާޒަކީ އެމްޑީޕީއަކީ އަނެއްކާވެސް ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ބާރަށް ހެދުން. އަޅުގަނޑުމެން ނިކުންނާނީ 2028 ވަނަ އަހަރު މި ގައުމުގެ ވެރިކަން އަލުން އަނބުރާ ހޯދުމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމަނިކުފާނު ވަނީ ޕާޓީގެ ހުރިހާ މެންބަރުން އެކަތިގަނޑަކަށްވެ، ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތުގައި ބައިވެރިވުމަށް ގޮވާލައްވާފައެވެ. ހާއްސަކޮށް ޒުވާނުންނާއި އަންހެނުންގެ ދައުރު ޕާޓީގެ ހިންގުމުގައި އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
