މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް، ފ. ފީއަލީގައި ބެހެއްޓި ވޯޓު ފޮށި މީހަކު ހިފައިގެން ގެންގޮސްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ފީއަލީގައި ވޯޓުލުމަށް ބޭނުންކުރާ ވޯޓާސް ލިސްޓުގެ މައްސަލައެއްގައެވެ. އެ ރަށުގެ ބައެއް އާންމުން ބުނަމުންދަނީ ވޯޓުލާ މަރުކަޒުގައި ގެންގުޅެނީ އެމްޑީޕީން ރަސްމީކޮށް އާންމުކޮށްފައިވާ ލިސްޓެއް ނޫން ކަމަށެވެ. މި މައްސަލަ މި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓު މީކާއީލް އަހުމަދު ނަސީމްގެ ޓީމުން މިހާރު ވަނީ ރަސްމީކޮށް ހުށަހަޅާފައެވެ.

ފީއަލީގައި ބެހެއްޓި ވޯޓު ފޮށި ހިފައިގެން މީހަކު ދާ މަންޒަރު ފެންނަ ވީޑިއޯއެއް މި ނޫހަށް ލިބިފައިވާއިރު، މި ހާދިސާއާ ގުޅިގެން އެ ރަށުގައި މިވަގުތު ވޯޓުލުން ވަނީ މެދުކަނޑާލާފައެވެ.

ފީއަލީގެ އިތުރުން ގދ. ފިޔޯރީގައި ވެސް ވަނީ ހަމަނުޖެހުމެއް ހިނގާފައެވެ. އެ ރަށުގައި ބެހެއްޓި ވޯޓު ފޮށި މީހަކު ވަނީ ފަޅާލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވޯޓު ފޮށި ފަޅާލީ ފާހެއް ނެތި ވޯޓު މަރުކަޒުގައި މަޑުކުރުމުގެ ހުއްދަ ނުލިބުމުން ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވާ ބޭފުޅުންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އަދި އިބްރާހިމް މުހައްމަދުއެވެ.

ޅި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުރިއަށްގެންދާ މި އިންތިހާބުގައި ޖުމްލަ 241 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އޭގެ ތެރެއިން 240 ވޯޓު ފޮށި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ވާއިރު، ސްރީލަންކާގެ ކޮލަމްބޯގައި އެއް ފޮށި ބަހައްޓާފައިވެއެވެ.