މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް މަސްކިރުވި ދޯނިފަހަރަށް ފައިސާ ދޫކުރުމުގައި މި ހިނގާ ޖޫން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި މަސްވެރިންނަށް ޖުމުލަ 3.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 9 ވަނަ ދުވަހު މަސްކިރުވި ދޯނިފަހަރަށް ފައިސާ ދޫކޮށްފައި ވަނީ މިއަދުއެވެ އެގޮތުން އެ ދުވަހު ކިރުވި މަހަށް ޖުމުލަ 421,840.00 ރުފިޔާ 27 ދޯންޏަކަށް ވަނީ ދޫކޮށްފައެވެ.

އެ ދުވަހުގެ ފައިސާގެ ތަފްސީލަށް ބަލާއިރު:

  • ކަޅުބިލަމަސް: 20 ދޯންޏަކުން ކިރުވި މަހަށް 343,000.00 ރުފިޔާ.
  • ކަންނެލި (10 ކިލޯއިން މަތި): 9 ދޯންޏަކުން ކިރުވި މަހަށް 12,740.00 ރުފިޔާ.
  • ކަންނެލި (15 ކިލޯއިން މަތި): 15 ދޯންޏަކުން ކިރުވި މަހަށް 66,100.00 ރުފިޔާ.

މީގެ އިތުރުން، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާ ތަފްސީލަށް ބަލާއިރު، ކޮންމެ ދުވަހަކުވެސް މިފްކޯއިން ދަނީ މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ދައްކަމުންނެވެ. އެގޮތުން:

  • ޖޫން 1: 533,283 ރުފިޔާ
  • ޖޫން 2: 918,860 ރުފިޔާ
  • ޖޫން 3: 371,933 ރުފިޔާ
  • ޖޫން 4: 395,582 ރުފިޔާ
  • ޖޫން 6: 315,576 ރުފިޔާ
  • ޖޫން 8: 278,380 ރުފިޔާ
  • ޖޫން 9: 393,205.50 ރުފިޔާ
  • ޖޫން 10: 412,114.50 ރުފިޔާ

ސަރުކާރުގެ ސިޔާސަތަކީ މަސްވެރިން ކިރުވާ މަހަށް ވީހާވެސް އަވަހަކަށް ފައިސާ ފޯރުކޮށްދިނުން ކަމަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މިފްކޯއިން ދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ކަންކަން ހަރުދަނާ ކުރަމުންނެވެ. އެގޮތުން މި މަހުގެ 10 ދުވަސްތެރޭ 3.6 މިލިއަން ރުފިޔާ މަސްވެރިންނަށް ހަވާލުކޮށްފައިވާ އިރު، މިދިޔަ މަހު މިފްކޯއިން ވަނީ ޖުމްލަ 31 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ. މިފްކޯއިން ބުނި ގޮތުގައި މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގެ ކަންކަން ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ އެ ކުންފުނީގެ މުހިންމު އަމާޒެކެވެ.

މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިހާރު މަސް ގަންނަ އަގު ވަނީ 20 ރުފިޔާއަށް ބޮޑުކޮށްފައެވެ. މި ބަދަލު މިދިޔަ އަންގާރަ ދުވަހު ގެނެސްފައިވާ އިރު، މިދިޔަ އާދީއްތަ ދުވަހުމަސް ގަންނަ އަގު ހުރީ ކިލޯއެއް 18.50 ރުފިޔާ އަށެވެ.