އެމްޑީޕީގެ ޗެއާޕާސަނަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ބައެއް ރަށްރަށުގެ ވޯޓު ފޮށިތައް އެ ޕާޓީގެ ހަރުގެތަކުގެ ބަހައްޓަން ނިންމި ނިންމުން އަނބުރާ ގެންގޮސްފިއެވެ.

ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ފޮށިތައް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ސްކޫލުތަކުގައި ބަހައްޓަން އިންތިހާބާ ބެހޭ ކޮމިޓީން ނިންމާފައިވީ ނަމަވެސް އެ ނިންމުމާ ހިލާފަށް ހަތަރު ރަށެއްގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ފޮށިތައް ބަހައްޓަން އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު ވަނީ ނިންމާފައެވެ. އެ ނިންމުމާ ގުޅިގެން މީކާއިލް ކަންބޮޑުވުން ފާޅުކޮށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާއަށް އެޑްރެސްކޮށް އިއްޔެ ވަނީ ސިޓީއެއް ފޮނުއްވާފައެވެ.

މީކާއިލް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ޗެއާޕާސަން އިންތިހާބުގައި ވޯޓުލުމުގެ ކަންކަން ވީހާ ވެސް އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ސްކޫލުތަކުގައި ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައިވަނިކޮށް، ފީއައްޔާއި އިސްދޫ-ކަލައިދުއާއި މަތިމަރަދުއާއި ވިލިނގިލީގައި އެއްވެސް މަގުބޫލު ސަބަބެއް ނެތި ހަރުގެތަކުގައި ވޯޓު ފޮށިތައް ބަހައްޓަން ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި ފ. ފީއަލީގައި ތިބި އިދިކޮޅު ސަޕޯޓަރުން 'ގަނޑުކޮށް' ވޯޓު އަޅާނެ ކަމަށް ފާޅުގައި ބުނެފައިވާ ކަމަށް ތުހުމަތުކޮށް މީކާއިލް ވަނީ ކަން އެހެން އޮއްވާ، ވޯޓުލާ މަރުކަޒު ބަދަލުކުރުމަކީ އެ ބުނުމަށް ބާރުލިބޭ ކަމެއް ކަމަށް ވިދާޅުވެފައި ވެއެވެ.

މީކާއީލްގެ އެ ކަންބޮޑުވުންތަކާއެކު މިހާރު އެ ފޮށިތައް ބަހައްޓާފައިވާތަން ބަދަލުކޮށްފައިވާކަން އެމްޑީޕީން މިއަދު ވަނީ ހާމަކޮށްފައެވެ. އެގޮތުން އެ ދާއިރާތަކުގެ ފޮށިތައް ވެސް ހުންނާނީ ސްކޫލްތަކުގައި ކަމަށް ބުނެފައިވެއެވެ.

އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މީކާއިލްގެ އިތުރުން ދެން އިންތިހާބުގައި ވާދަ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ. މިއީ އެ ޕާޓީގެ ޗެއާޕާސަންކަމުގައި ހުންނެވި ފައްޔާޒު އިސްމާއީލް އެ މަގާމުން އިސްތިއުފާ ދެއްވުމުން ހުސްވި ގޮނޑިއަށް ބޭފުޅަކު ހޯދުމަށް ބާއްވާ އިންތިހާބެކެވެ.