ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދިވެހިބަހާއި ގައުމިއްޔަތާ ބެހޭ ހާއްސަ މުޝީރުގެ މަގާމުގައި ހުންނެވި އާދަމް ނަސީރު އިބްރާހީމް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ސޯޝަލް މީޑިއާގައި އާންމުކުރެއްވި މައުލޫމާތެއްގައެވެ.

އާދަމް ނަސީރު މި މަގާމަށް އައްޔަންކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ. މިއީ މިނިސްޓަރުންގެ ފެންވަރުގައި ރައީސް އޮފީހުގައި އަލަށް އުފެއްދެވި މަގާމެކެވެ. ނަމަވެސް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެއް ދުވަސް ނުވަނީސް މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން އާދަމް ނަސީރު ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުގެ މަގާމުގައެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގަތީ 17 ނޮވެންބަރު 2023 ގައެވެ.

ނަމަވެސް، ލޯކަލް ކައުންސިލް އިންތިހާބަށްފަހު ސަރުކާރުގެ ހިންގުމަށް ބަދަލުތަކެއް ގެންނެވުމުގެ ގޮތުން މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ކެބިނެޓުގެ 10 ވަޒީރަކު އިސްތިއުފާ ދެއްވިއިރު، އޭގެ ތެރޭގައި އާދަމް ނަސީރު ވެސް ހިމެނިވަޑައިގަންނަވައެވެ.

އާދަމް ނަސީރަކީ ދިވެހިބަހާއި އަދަބިއްޔާތުގެ ރޮނގުން ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި 29 އަހަރު ދުވަހު ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އަދި 2007 ވަނަ އަހަރު ޅެންވެރިކަމާއި އަދަބިއްޔާތުގެ ރޮނގުން ގައުމީ ޒުވާނުންގެ އިނާމު ވެސް އޭނާ ހާސިލުކުރައްވާފައިވެއެވެ.