ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓަރުކަމުގައި ކުރިން ހުންނެވި އާދަމް ނަސީރު އިބްރާހީމް، ރައީސް އޮފީހުގެ މުޝީރެއްގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އާދަމް ނަސީރު އެ މަގާމަށް އައްޔަންކުރެއްވީ އިއްޔެއެވެ. އޭނާ އައްޔަން ކުރައްވާފައި ވަނީ ދިވެހިބަހާއި ސަގާފަތް އަދި ތަރިކައާ ގުޅޭ ކަންކަމުގައި ލަފާދެއްވާ މުޝީރެއްގެ ގޮތުގައެވެ. ނަމަވެސް، އޭނާ އައްޔަން ކުރެއްވީ ކޮން ފެންވަރެއްގެ މަގާމަކަށް ކަމެއް ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ.
އާދަމް ނަސީރު ވަނީ މި ސަރުކާރު ފެށުނީއްސުރެ މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ވަޒީރުކަން ކުރައްވާފައެވެ. އާދަމް ނަސީރު ވަޒީރުކަމުން އިސްތިއުފާދެއްވީ މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. އޭނާ އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށްފަހު ސަރުކާރަށް ގެންނަމުންދާ ބަދަލުތަކާއެކުއެވެ.
އެ ބަދަލުތަކާއެކު، މަގާމުން އިސްތިއުފާދެއްވި ބައެއް ވަޒީރުންނަށް ސަރުކާރުގެ އެކި މަގާމުތައް ވަނީ ދީފައެވެ. އެގޮތުން، ކުރިން ހެލްތު މިނިސްޓަރުކަމުގައި ހުންނެވި އަބްދުﷲ ނާޒިމް އިބްރާހީމް ވެސް ވަނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް މިދިޔަ ހަފުތާގައި އައްޔަންކުރައްވާފައެވެ. ނާޒިމް ހެލްތު މިނިސްޓަރުކަމަށް ވަޑައިގަތުމުގެ ކުރިންވެސް ހުންނެވީ ރައީސް އޮފީހުގެ އިސް މަގާމެއްގައެވެ.
މީގެ އިތުރުން، ކުރީގެ ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ގަތަރުގެ ސަފީރުކަމަށް އަދި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ޔޫއޭއީގެ ސަފީރުކަމަށް އައްޔަންކުރަން ރުހުން ހޯދުމަށް މިހާރު ވަނީ މަޖިލީހަށް ހުށައަޅާފައެވެ.
