ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ ސާމާނު ހޯދުމުގައި މީގެކުރިން ހަދާފައިވާ ގޯސްތައް ތަކުރާރުވިޔަނުދީ، ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީ (ތަކެތި ބައްލަވައިގަތުމުގެ އުސޫލު) ހަރުދަނާކުރުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހުސެއިން އަފީފު ވިދާޅުވީ، ކުރީގެ މެނޭޖްމެންޓުތަކުން ކުންފުންޏަށް ތަކެތި ހޯދުމުގައި އެކަށީގެންވާ މިންވަރަށް ބަލާފައި ނުވާކަން ކުންފުނީގެ އޮޑިޓްތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ފެނަކައިން ކޮށްފައިވާ މިފަދަ މުއާމަލާތްތަކުގައި ޝަރުތުތައް ހަމަނުވާ އަދި ޓެކްނިކަލް ތަޖުރިބާއެއް ނެތް ފަރާތްތަކާ މަސައްކަތްތައް ހަވާލުކޮށްފައިވާއިރު ތަކެތީގެ ކޮލިޓީ ކަށަވަރު ނުވުމުގެ މައްސަލަ ދިމާވިކަމަށް އަފީފު ވަނީ ފާހަގަކުރައްވާފައެެވެ.. އަދި ހިދުމަތް ހޯދި ބައެއް ފަރާތްތަކުން ތަކެތި ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން ނެތްއިރު، ގެނައި ބައެއް ސާމާނުގެ ކޮލިޓީ ކަށަވަރުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ކަންކަމުގެ ސަބަބުން ކުންފުނިން ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ބުރޫއަރައި، ކުންފުންޏަށް މާލީ ގޮތުންނާއި އިދާރީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އަފީފު ވަނީ ފާހަގަކުރައްވާފައެވެ.

އަފީފު ވިދާޅުވި ގޮތުގައި ދައުލަތުގެ ކުންފުނިތަކުން މާލިއްޔަތު ގާނޫނަށް އަމަލުކުރުން ލާޒިމް ނުކުރި ނަމަވެސް، ފެނަކައިގެ ތެރޭގައި ކުރެވޭ މުއާމަލާތްތަކަކީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހިނގާ ޒިންމާދާރު މުއާމަލާތްތަކަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، ކުރިމަގުގައި ކުންފުންޏަށް ބޭނުންވާ ސްޕެއާ ޕާޓްސްތައް ދުރާލާ ހޯދައި ރައްކާކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށާއި، ކުންފުނީގެ އައު އިމާރާތް ނިމުމުން މި މައްސަލައަށް ދާއިމީ އަދި އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.