ދިވެހި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިޔާގެ ލަގަބް އަރުވާފައިވާ، އަދި ދައުލަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ މައްޗަންގޮޅީ އަލިތަރި އިބްރާހީމް ރަޝާދު އަވަހާރަވެއްޖެއެވެ.
އިބްރާހީމް ރަޝާދު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 78 އަހަރެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިބްރާހީމް ރަޝާދަކީ، އެ ވަގުތަކު ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި ތެދުވެރިކަމާއި ރޭވުންތެރިކަމާއެކު އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމަށެވެ. އަދި އެ މަނިކުފާނަކީ ހިކުމަތްތެރި، ހިންގުންތެރި ޝަހުސިއްޔަތެއް ކަމަށާއި ގައުމަށް ގެއްލިގެން އެދިޔައީ ބޭނުންތެރި އަގުހުރި ތަޖުރިބާކާރެއްކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން މީގެ ވިއްސަކަށް އަހަރަށްވުރެ ކުރިން ޓެކްނޮލޮޖީގެ ވަސީލަތްތައް މިހާރަށްވުރެ މާމަދު ޒަމާނެއްގައި ވެސް ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް ރައްޔިތުންނަށްދޭ ހިދުމަތްތައް ފަސޭހަކުރުމުގައި އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް ރައީސް ހާއްސަގޮތެއްގައި ފާހަގަކުރެއްވިއެވެ.
އިބްރާހީމް ރަޝާދަކީ 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވާފައިވާ އަދި ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ފުރުއްވާފައިވާ ބައެއް އިސް މަގާމުތަކުގެ ތެރޭގައި، ފާދިއްޕޮޅު އަތޮޅުވެރިކަމާއި، ކޮޅުމަޑުލު އަތޮޅުވެރިކަން ހިމެނެއެވެ.
އަދި ކޮމިޝަނާ އޮފް އިލެކްޝަންސް ކަމުގެ މަގާމު 6 އަހަރަށްވުރެ ދިގު މުއްދަތެއްގައި ފުރުއްވާފައިވެއެވެ. އޭގެފަހުން މިނިސްޓާ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސް ކަމުގެ މަގާމު ވެސް ވަނީ އަދާކުރައްވާފައެވެ.
އިބްރާހީމް ރަޝާދު ހިދުމަތް ފެށްޓެވީ، 26 ޖޫން 1961 ގައި ވުޒާރަތުއްތިޖާރާގެ ކާތިބުކަމުގެ މަގާމުންނެވެ. އޭގެފަހުން، ވުޒާރަތުލް މައާރިފްގެ ކާތިބުކަމާއި، ވުޒާރަތުލް މާލިއްޔާގެ ސެކްރެޓަރީ ކަމާއި، އެއާޕޯޓް އޮފީހުގެ ސެކްރެޓަރީކަން ކުރައްވާފައި ވެއެވެ.
އަދި މިނިސްޓްރީ އޮފް ހެލްތުގެ އިނގިރޭސި ސެކްރެޓަރީ ކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިނގިރޭސި ސެކްރެޓަރީ ކަމާއި، ރޭޑިއޯ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓަރީ ކަމާއި، އެސްޓީއޯގެ މެނޭޖަރު ކަމާއި، ނޯދަން ރީޖަނަލް އޮފީހުގެ ވަކީލުކަން ވެސް ކުރައްވާފައިވެއެވެ.
4 ސެޕްޓެންބަރު 2008 ގައި އިބްރާހީމް ރަޝާދު ދައުލަތުގެ ހިދުމަތުން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ މިނިސްޓާ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސް ކަމުގެ މަގާމުގައެވެ.
އިބްރާހީމް ރަޝާދު އަވަހާރަވިއިރު، އަނބިކަނބަލަކާއި، ތިން އަންހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.
