ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޓަކައި، މޯލްޑިވްސް ގްރީން ފަންޑުން ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ހަރަދުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވެވި ހިތާބުގައެވެ. އެގޮތުން ރައީސް ވަނީ ތިމާވެށީގެ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް އަރިސްކުރައްވައި، މިއަދަކީ ނާޒުކު ތިމާވެށި ރައްކާތެރިކޮށް އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އަޒުމު ވަރުގަދަކުރަންވީ ދުވަސްކަން ފާހަގަކުރައްވާފައެވެ.
ރައީސްގެ ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ތަރައްގީގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެކަށީގެންވާ މިންވަރަށް މާލީ ވަސީލަތްތައް ނުލިބުންކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން، އަލަށް ކަނޑައެޅި 7 މިލިއަން ރުފިޔާއަކީ ކޮންމެ އަހަރަކު އާއްމުކޮށް ތިމާވެށީގެ ދާއިރާއަށް ކަނޑައަޅާ ބަޖެޓުގެ އިތުރަށް ހަރަދުކުރާނޭ ފައިސާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މި ފައިސާ ހަރަދުކުރާނެ މައިގަނޑު ދާއިރާތަކެއްކަމުގައި ރައީސް ފާހަގަކުރެއްވީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި އެތަންތަނުގެ ދިރުންތައް ބެލެހެއްޓުމާއި މަރާމާތުކުރުމާއި، ތިމާވެށީގެ ދިރާސާތައް ކުރުމާއި، މައުލޫމާތު އާންމުކޮށް ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި ސްކޫލުތަކުގެ ތިމާވެށި ކްލަބުތަކާ ގުޅިގެން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށެވެ.
މީގެއިތުރުން ކޮންސަވޭޝަން މަސައްކަތްތަކުގެ ތެރެއިން އިގުތިސާދީ ނުވަތަ އިޖުތިމާއީ މަންފާ ހޯދޭނެ މަގުތައް ފަހިކުރުމަށް ވެސް ބޭނުންކުރާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރު ކަމަށްވާ "އަ ގްލޯބަލް ކޯލް ފޯ ކްލައިމެޓް އެކްޝަން" އަކީ ރާއްޖެފަދަ ކުދި ޖަޒީރާ ގަމުތަކުގެ ކަންބޮޑުވުންތަކާ ނުހަނު ގުޅިފައިވާ ޝިއާރެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް އަމަލީ ގޮތުން މަސައްކަތް ކުރުމަށް ޓަކައި، ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލުތަކެއް ގެނެސް އަތުކުރި އޮޅާލަން މަޖުބޫރުވެފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
