ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން، އެ ދާއިރާއަށް އާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބުގައި މިހާތަނަށް 795 މީހުން ވޯޓުލައިފިއެވެ.
މިއަދު 08:00 އިން ފެށިގެން ވޯޓުލުން ކުރިއަށްދާއިރު އިލެކްޝަން ކޮމިޝަނުން ބުނީ، މިހާތަނަށް ވޯޓު ލާފައި ވަނީ 795 މީހުން ކަމަށެވެ. އެއީ 386 އަންހެނުންނާއި 409 ފިިރިހެނުންނެވެ. ހިތަދޫ އުތުރު ދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 4121 މީހުންތިބިއިރު މިހާތަނަށް ވޯޓު ނުލާ ޖުމްލަ 3326 މީހުން ވެއެވެ.
އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށްޓަކައި ޖުމްލަ 7 ވޯޓުފޮއްޓެއް ވަނީ ބަހައްޓާފައެވެ. އައްޑޫ ސިޓީ ހިތަދޫގައި 5 ވޯޓުފޮށި ބަހައްޓާފައިވާއިރު ހުރިހާ ފޮށްޓެއްވެސް ބަހައްޓާފައިވަނީ ހިތަދޫ ސްކޫލްގައެވެ. މާލޭގައި 2 ވޯޓުފޮށި ބަހައްޓާފައިވާއިރު މާލޭގައި ދިރިއުޅޭ ދާއިރާގެ ރައްޔިތުންނަށް ހާއްސަކޮށްގެން މި ފޮށިތައް ބަހައްޓާފައިވަނީ ދަރުމަވަންތަ ސްކޫލްގައެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 04:00 އަށެވެ.
ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ، 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި އެ ދާއިރާއަށް އިންތިހާބުވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއް (މޯލްޑިވްސް އިސްލާމިކް ބޭންކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާގެ ދަރަނި) ސާބިތުވެ، ކޯޓު ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީއެވެ.
މި މައްސަލާގައި ސިނާންގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ހުކުމް ކުރީ އެޕްރީލް 12، 2026 ގައެވެ.
