ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ހުރަސްތަކަށް މި މަސް ނިމުމުގެ ކުރިން ބޮޑު ހައްލެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޭންކަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ކާޑުތަކުގެ ލިމިޓް މިވަގުތު ކުޑަކޮށްފައި އޮތް ނަމަވެސް، ސަރުކާރުން އެކަން އޮޅުންފިލުވިއިރު ވަރަށް އުންމީދީ ޖަވާބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ބޭންކުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އޮގަސްޓް މަސް ނިމޭއިރު ލިމިޓްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބީއެމްއެލް ކާޑުތަކުގެ ލިމިޓް މިވަގުތު ކުޑަކުރަން ޖެހުނު ސަބަބެއް ކަމަށް ބޭންކުން ބުނެފައިވަނީ، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކު ފަތުރުވެރިކަމަށް އައި ލޮޅުމުގެ ސަބަބުން ބޭންކަށް ވަންނަ ބޭރު ފައިސާގެ މިންވަރު މަދުވުމެވެ. މީގެ ސަބަބުން އޮންލައިންކޮށް މުދާ ގަންނަ ސައިޓްތަކުން ވިޔަފާރިކުރުމުގައި އާންމުންނަށް މިހާރު ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ބޭންކުން މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރެވެނީ ދުވަހުން ދުވަހަށް ކަނޑައަޅާ ވަކި މިންވަރަކަށެވެ. ނަމަވެސް ޑޮލަރު އެކައުންޓްތަކާ ގުޅިފައިވާ ކާޑުތަކަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ބޭންކުން ބުނެއެވެ. ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ބޭންކާ ގުޅިގެން އާންމުންނަށް މިކަމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމެވެ.