އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާއަށްދާ ފަރާތްތަކަށް ބޭނުންވާ އިތުރު ޓިކެޓް ހަމަޖައްސައިދިނުމުގެ މަސައްކަތް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކޮށްފިއެވެ.

މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީން ބުނީ އެންސްޕާ އިން ކުރިއަށްގެންދާ މެޑިކަލް ވެލްފެއާ ސްކީމްގެ ދަށުން ދެމުންގެންދާ ހިދުމަތްތައް 1 ޖޫން އިން ފެށިގެން އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާއަށްދާ ފަރާތްތަކަށް ބޭނުންވާ އިތުރު ޓިކެޓް ހަމަޖެއްސުން އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ އިތުރުން ފަރުވާ ކުރިއަށް ގެންދިއުމަށް ޓަކައި ރާއްޖެއިން ނުލިބޭ ބޭސް އަދި އާންމުކޮށް ބޭނުންވާ ބޭސް ދެވޭ ފައިސާގެ އެހީ ވެސް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން ގޯޝަން ބަލި އަދި ކެންސަރު ބައްޔަށް ފަރުވާކުރާ ފަރާތްތަކަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުން އާސަންދައިގެ ދަށަށް ބަދަލުކޮށްފައިވާއިރު ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދެވޭ ސިއްހީ އެހީ އަދި ޕަބްލިކް ހެލްތް އަދި އާސަންދައިން ކަވާ ނުކުރާ ޓެސްޓު ތަކާ ތަހުލީލުތަކަށް ދެވޭ އެހީވެސް އާސަންދައިގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ.

ހެލްތް މިނިސްޓްރީގެ އިއުލާނުގައި މީގެއިތުރުން ވެސް އާސަންދަ ސްކީމުގެ ބަދަލުކޮށްފައިވާ ތަފާތު ހިދުމަތްތައް ހިމެނޭއިރު އޭގެތެރޭގައި ފަރުވާ ފުރިހަމަ ކުރުމަށްފަހު ރާއްޖެ އަންނަ ފަރާތްތަކަށް ދޭ އެހީއާއި، ތެލަސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ފޮލޯއަޕް ހެދުމާއި، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރިފަރަލް ހެދުމާއި، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމަށް ކޮންސަލްޓް ނެގުން ހިމެނޭކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.