ބޮޑު އީދާ ގުޅުވައިގެން މުޖުތަމައުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ސަރުކާރުން ބާއްވާ "އީދު ހަވީރު 1447" ފެސްޓިވަލުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވާން ނިންމައިފިއެވެ.
މި ފެސްޓިވަލް ކުރިއަށް ދާނީ މޭ މަހުގެ 27 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ހަރަކާތުގައި އެމްއޭސީއެލްގެ ފަރާތުން ހާއްސަ ސްޓޯލްތަކާއި މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރުތައް ކުރިއަށް ގެންދާނެއެވެ.
ދިވެހި ސަޤާފަތާއި އާދަކާދަތައް ދައްކުވައިދޭ ގޮތަށް ފަރުމާކުރެވިފައިވާ މި ހަރަކާތްތަކުގެ ތެރޭގައި ކޯޑި ކެނޑުމާއި، ބޮޑުބެރާއި، މާލީގެ ހަރަކާތްތައް ހިމެނެއެވެ. މީގެ އިތުރުން، ކުޑަކުދިންނާ ގާތް ގުޅުމެއް ބޭއްވުމުގެ ގޮތުން މަޤުބޫލު ކާޓޫން ކެރެކްޓާސްގެ މެސްކޮޓްތައް ވެސް އެމްއޭސީއެލްގެ ސްޓޯލްގައި ހަރަކާތްތެރިވަމުން ދާނެއެވެ.
އެމްއޭސީއެލް އިން ބުނީ އާއިލީ ގުޅުން ބަދަހިކުރުމަށް ބާއްވާ މި ހަރަކާތުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ފަނުން ޒީނަތްތެރިކޮށްފައިވާ "ޓްރީހައުސް" (ގަސްމަތީ ގެ) އެއް އެމްއޭސީއެލް ސްޓޯލްގެ މެދުގައި ހުންނާނެ ކަމަށެވެ. އަދި ރެކިން ބޯލް، ވައިޕް އައުޓް އިންފްލެޓަބަލް، އަދި ބަބުލް ހައުސް ފަދަ މަޖާ ކުޅިވަރުތަކުގެ އިތުރުން ހީނާ އާޓާއި ފޭސް ޕެއިންޓިންގ ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާކަމަށެވެ.
މި އަހަރުގެ އީދު ހަވީރުގެ އެންމެ ހާއްސަ އެއް ހަރަކާތަކަށް ވެގެންދާނީ، ދިވެހިރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ތަރި ޢަލީ އަޝްފާޤު (ދަގަނޑޭ) ގެ ފުޓުބޯޅަ ހުނަރުތައް އެމްއޭސީއެލްގެ ސްޓޯލްގައި ދައްކާލުމެވެ. އެމްއޭސީއެލްގެ ސްޓޯލް ހުންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ އިރުމަތީ އެންޓްރެންސްގައެވެ.
އެމްއޭސީއެލް އިން ވަނީ ބޮޑު އީދުގެ މި އުފާވެރި ހަރަކާތްތަކުގައި ބައިވެރިވުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.
