ޢީދު ބަންދާ ދިމާކޮށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ފެސިލިޓީތަކުން މަސް ގަތުން މެދުކަނޑާލުމަށް އެ ކުންފުނިން ނިންމައިފިއެވެ.

މިފްކޯއިން މައުލޫމާތު ދޭ ގޮތުގައި، އީދު ބަންދާ ގުޅިގެން ކުރިއަށް އޮތް އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު އެ ކުންފުނީގެ ސެންޓަރުތަކުންނާއި ބޯޓުފަހަރުންވެސް މަސް ބަލައެއް ނުގަންނާނެއެވެ. އަދި މި ދުވަސްތަކުގައި މިފްކޯގެ އައިސް ޕްލާންޓުތަކުން އައިސް ވިއްކުމުގެ ހިދުމަތްވެސް މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ.

މިފްކޯއިން ބުނީ އާންމުކޮށް ހުކުރު ދުވަހަކީ އެ ކުންފުނިން މަސް ގަންނަ ދުވަހަކަށް ނުވާތީ، އީދު ބަންދަށްފަހު ދެން އެންމެ އަވަހަށްވެސް މަސް ގަންނަން ފަށާނީ ހޮނިހިރު ދުވަހު ކަމަށެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން އައިސް ޕްލާންޓުތައް ހުޅުވައި ހިދުމަތް ދޭން ފަށާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އީދު ފަދަ މުނާސަބަތުތަކާ ދިމާކޮށް މިފްކޯއިން އާންމުކޮށް މަސް ގަތުން މެދުކަނޑާލާއިރު، މިކަން މިފްކޯއަށް މަސް ވިއްކާ އޮޑިފަހަރުތަކަށާއި ހިދުމަތް ހޯދާ ފަރާތްތަކަށް މިހާރު ވަނީ އަންގާފައެވެ.