ރާއްޖޭގައި ހިމަބިހީ ގެ ކޭސްތައް ފެންނަމުންދާތީ، ހުމާއި ރަތްބިހީގެ އަލާމާތްތައް ހުންނަ ފަރާތްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހާއްސަ ހެލްޕް ޑެސްކެއް ގާއިމުކޮށް، ބަލިމީހުން އަމަލުކުރަންވީ އުސޫލުތައް އާންމުކޮށްފިއެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި، "ފީވާ ރޭޝް ހެލްޕް ޑެސްކް" ގާއިމުކޮށްފައިވަނީ އެ ހޮސްޕިޓަލުގެ މައި އެމްބިއުލާންސް ޕޯޓިކޯ (އީއާރު ވަންނަ ދޮރު) ކައިރީގައެވެ. މި ޑެސްކުން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 11:00 އަށް ހިދުމަތް ލިބޭނެއެވެ.

ހުމާއި ރަތްބިހީގެ އަލާމާތްތައް ހުންނަ ފަރާތްތަކުން (ކުޑަކުދިންނާއި މާބަނޑު މީހުން ހިމެނޭހެން) ހޮސްޕިޓަލަށް ދިއުމަށްފަހު، އެންމެ ފުރަތަމަ މި ހެލްޕް ޑެސްކަށް ރިޕޯޓްކުރުމަށް ހޮސްޕިލުން ވަނީ އިލްތިމާސްކޮށްފައެވެ. އެއަށްފަހު، ދެން އަމަލުކުރަންވީ ގޮތުގެ އިރުޝާދު އެ ތަނުން ފޯރުކޮށްދޭނެއެވެ.

ރޭގަނޑު 11:00 ގެ ފަހުން އަމަލުކުރަންވީ ގޮތުގެ އިރުޝާދުވެސް އެ ހޮސްޕިޓަލުން ވަނީ އާންމުކޮށްފައެވެ. އަދި ހާއްސަ ހެލްޕް ޑެސްކް ބަންދު ގަޑިތަކުގައި (ރޭގަނޑު 11:00 ގެ ފަހުން) ކުއްލި ފަރުވާ ބޭނުންވާ ނަމަ، އަމަލުކުރަންވީ އުސޫލުވެސް ވަނީ އާންމުކޮށްފައެވެ.

އެގޮތުން ބޮޑެތި މީހުންނާއި މާބަނޑު މީހުން ހުމާއި ރަތްބިހީގެ އަލާމާތްތައް ހުރި ނަމަ، މައި އެމަޖެންސީ ރޫމްގެ ޓްރިއާޖް ނަރުހަށް އެކަން އެންގުމަށް އެދިފައިވާއިރު ކުޑަކުދިން ހުމާއި ރަތްބިހީގެ އަލާމާތްތައް ހުރި ނަމަ، ހޮސްޕިޓަލަށް ދިއުމާއެކު ޕީޑިއޭޓްރިކް އެމަޖެންސީ ރޫމް ގެ ނަރުހަށް އެކަން އެންގުމަށް ވަނީ އެދިފައެވެ.

އައިޖީއެމްއެޗުން ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ހުމާއި ބިހި ނަގާފައިވާ ހުރިހާ ފަރާތްތަކުންވެސް ހޮސްޕިޓަލަށް ޒިޔާރަތްކުރާއިރު މާސްކް އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. މީގެ އިތުރުން، ކުޑަކުދިން ޑޮކްޓަރަށް ދެއްކުމަށް އަންނައިރު އެކުދިންގެ ވެކްސިން ކާޑު ހިފައިގެން އައުމަށްވެސް ހޮސްޕިޓަލުން ވަނީ އެދިފައެވެ.