ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ހައްޖު ދުވަހާއި އަޟްހާ އީދާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި ދަމަނަވެށީގެ އާންމު ހިދުމަތްތައް މެދުކަނޑާލި ނަމަވެސް، ކޮންމެހެން ޖަހަންޖެހޭ ކުއްލި ޓްރެވަލް ވެކްސިންގެ ހިދުމަތް ދިނުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ.
ދަމަނަވެށިން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މެއި 22، އިން މެއި 30، 2026 ގެ ނިޔަލަށް އީދު ބަންދާ ގުޅިގެން އެ ސެންޓަރުގެ އާންމު ހިދުމަތްތައް ބަންދުވާނެ ކަމަށެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކި ބޭނުންތަކަށް ފުރާ ފަރާތްތަކަށް ކޮންމެހެން ޖަހަންޖެހޭ އިމަޖެންސީ ޓްރެވަލް ވެކްސިން ޖަހައިދިނުމުގެ ހިދުމަތް ކުރިއަށްދާނެކަމަށް ދަމަނަވެށިން ވަނީ ބުނެފައެވެ.
އިތުރަށް ދަމަނަވެށިން ބުނީ ބަންދު ދުވަސްތަކުގައި ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ދަމަނަވެށީގެ ނަންބަރު 7267290 އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް މެސެޖު ކުރަންޖެހޭ ކަމަށެވެ. އެގޮތުން މި މެސެޖުގައި މުއްދަތު ހަމަނުވާ ޕާސްޕޯޓް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) އަދި ބަންދު މުއްދަތުގައި ފުރުމަށް ކޮންފާމްވެފައިވާ ޓިކެޓް ނުވަތަ ރަސްމީ ތައްގަނޑު ޖަހާފައިވާ ޓްރެވަލް ޑޮކިއުމެންޓް ފޮނުވަންޖެހޭނެކަމަށް ދަމަނަވެށިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ދަމަނަވެށިން ބުނީ މި މުއްދަތުގައި ވެކްސިން ޖަހައިދެވޭނީ ލިޔެކިޔުންތައް ފޮނުވައި، ވެކްސިން ޖެހުމުގެ ކޮންމެހެން ބޭނުންޖެހިފައިވާކަން ކަށަވަރުވުމުން ކަމަށެވެ. އަދި ބަންދު ދުވަސްތަކުގައި ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް ދަމަނަވެށިން އިލްތިމާސްކުރެއެވެ.
