ރާއްޖޭގެ ޑިމޮކްރަސީއާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ގުޅިގެން، ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި އިބްރާހީމް މުހައްމަދު ސާލިހް ގުޅިވަޑައިގެން، ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް އެދިވަޑައިގެންފިއެވެ.

ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކަށް ފޮނުއްވި ގުޅިފައިވާ ސިޓީއެއްގައި، މި ތިން ބޭފުޅުން ވަނީ ހައްޔަރުކޮށްފައިވާ ނޫސްވެރިންނާއި މުޒާހަރާގެ ބައިވެރިން ވަގުތުން ދޫކޮށްލުމަށް ސަރުކާރަށް ބާރުއެޅުމަށް ގޮވާލައްވާފައެވެ. މިއީ ސިޔާސީ ގޮތުން ތަފާތު ފިކުރުތަކެއް ގެންގުޅުއްވާ ތިން ރައީސުން، ގައުމުގެ މަސްލަހަތަށްޓަކައި އެއްގަލަކަށް އަރާވަޑައިގެން ނެރުއްވި ތާރީހީ ސިޓީއެކެވެ.

މި ސިޓީގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާއާ ގުޅޭގޮތުން ސީރިއަސް ތުހުމަތުތަކެއްކޮށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީއަކާ މެދު އާންމުކޮށް ވާހަކަދެއްކުން މަނާކޮށް، މެއި 10 ވަނަ ދުވަހު ކޯޓުން ނެރުނު އަމުރަށެވެ. މިއީ 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ގާނޫނުއަސާސީގެ ދަށުން، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް މިފަދަ ފުޅާ ދާއިރާއެއްގައި އަމުރެއް ނެރުނު ފުރަތަމަ ފަހަރުކަން ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، އެ އަމުރާ ހިލާފުވި ކަމަށް ބުނެ 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހްޒާން އާއި ލީވާން އަލީ ނަސީރު ޖަލަށްލުމަށް ކުރި ހުކުމާ މެދު ވެސް ތިން ރައީސުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނޫސްވެރިންގެ މައްޗަށް ޝަރީއަތް ހިންގާފައިވަނީ އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެން ކަމަށާއި، ދިފާއުގައި ވާހަކަދެއްކުމުގެ އެކަށީގެންވާ ފުރުސަތެއް ދީފައިނުވާކަން ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގެ ޑިމޮކްރަސީ ފަހަތަށް ސޮއްސާލަމުންދާކަމުގެ ހެކިތައް ދައްކަވަމުން، މިނިވަން މުއައްސަސާތަކުގެ ނުފޫޒު ކުޑަކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ބާރުދޭ ބިލުތައް ފާސްކުރުން ފަދަ ކަންކަން ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. އަދި މިދިޔަ އޭޕްރީލް މަހު ބޭއްވި އިންތިހާބުތަކުން ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން، ސަރުކާރުން ދައުލަތުގެ މުއައްސަސާތަކަށް ދެމުންދާ ހަމަލާތައް އިތުރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ކުރީގެ ތިން ރައީސުން ގުޅިވަޑައިގެން ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކަށް ފޮނުއްވި ސިޓީ

ސިޔާސީ ހީނަރުކަމުގެ އިތުރުން، ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތް ނާޒުކު ފައްތަރު ވެސް މި ސިޓީގައި ތަފްސީލުކޮށްދެއްވާފައިވެއެވެ. ދައުލަތުގެ ރިޒާވް ހުސްވަމުންދާކަމާއި، ދަރަނީގެ ބުރަ ބޮޑުވެ، ރާއްޖެ ފެއިލްވެފައިވާ ދައުލަތަކަށް ވުމުގެ ބިރު އޮތްކަން ތިން ރައީސުން ވަނީ ހާމަކުރައްވާފައެވެ.

ސިޓީ ނިންމަވާލައްވަމުން، ރައްޔިތުން ބިނާކުރި ޑިމޮކްރަސީ ހިމާޔަތްކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ސަރުކާރަށް ބާރުއަޅައި، ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް އެހީތެރިވެދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. މި ސިޓީއާ ގުޅިގެން ސަރުކާރުގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.