ކްރިމިނަލް ކޯޓުގެ އަމުރަކާ ހިލާފުވި ކަމަށް ބުނެ 'އަދަދު' ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމާ ގުޅިގެން، ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް މިރޭ ބާއްވާ އިހުތިޖާޖުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެކަމުގައި ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް ކުރާ އިހުތިޖާޖުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލާފައެވެ.

މި އިހުތިޖާޖުކުރަނީ ކޯޓުގެ ހުރުމަތް ކަނޑާލި ކަމުގެ ކުށުގައި 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް، އަދި ލީވާން އަލީ ނަސީރު 10 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމާ ދެކޮޅަށް އަޑުއުފުލުމަށެވެ.

މި ދެ ނޫސްވެރިންނަށް ފިޔަވަޅު އަޅާފައިވަނީ މާރިޗު މަހުގެ 28 ވަނަ ދުވަހު އެ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން ކޯޓުން ނެރެފައިވާ 'ގެގް އޯޑަރު' ނުވަތަ އެ މައްސަލައާ ގުޅޭގޮތުން އެއްވެސް މިންވަރަކަށް ވާހަކަދެއްކުން މަނާކުރާ އަމުރާ ހިލާފުވި ކަމަށް ބުނެއެވެ.

މީގެ ތެރެއިން ޝަހުޒާނަށް ފިޔަވަޅު އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުންނެވެ. އެ ސުވާލާ ގުޅިގެން އޭނާ ވަނީ ނޫސްވެރިންގެ ބައްދަލުވުމުން ނެރެފައެވެ. އަދި އޭގެ ފަހުން ރައީސް އޮފީހުން ބާއްވާ އެއްވެސް ނޫސްވެރިންގެ ބައްދަލުވުމަކަށް 'އަދަދު' ނޫހަށް ނުވަދެވޭނެ ގޮތަށް ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ރާއްޖެއިން ފުރައިގެން ދިއުން މަނާކޮށް، ދަނީ ޝަރީއަތް ހިންގަމުންނެވެ.

މިކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ، ގައުމު ސަލާމަތްކުރުމަށް ޓަކައި ސިޔާސީ ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އިބްރާހީމް މުހައްމަދު ސޯލިހު އަދި އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް އެކުގައި ނުކުމެވަޑައިގަތުމަށް ގޮވާލައްވާފައެވެ. މި ގޮވާލުމަށް އިޖާބަދެއްވައި، ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރުމަށް ނަޝީދާއި ސޯލިހާއެކު މަސައްކަތްކުރަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ޔާމީން ވެސް ވަނީ ވިދާޅުވެފައެވެ.