އައްޑޫ ސިޓީގެ މީދޫ އަދި ހުޅުދޫއަށް ވަކި ރަށު ކައުންސިލް އިދާރާތަކެއް އަލަށް އުފައްދަވާ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަވައިފިއެވެ.
ރައީސްއޮފީހުން ބުނީ ހދ. ހިރިމަރަދޫ ކައުންސިލްގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކާއި އެ ކައުންސިލްތަކުގެ އިދާރާތައް 17 މޭ 2026 އިން ފެށިގެން އުވާލުމަށް ވެސް ރައީސް ނިންމަވާފައިވާކަމަށެވެ. އެގޮތުން މި ބަދަލުތައް ގެނެސްފައިވަނީ ގަރާރު ނަންބަރު 2025/33 އާއި 2025/34 އަށް ރިއާޔަތްކުރެއްވުމަށްފަހު ކަމަށް ރައީސްއޮފީހުން ވަނީ ބުނެފައެވެ.
މި ނިންމެވުމާއެކު އައްޑޫ މީދޫ އަދި އައްޑޫ ހުޅުދޫ އަކީ ވަކި ރަށު ކައުންސިލް އިދާރާތަކެއް ހިންގާނެ ދެ ރަށް ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ. އަދި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ހިމެނޭ ސަރަހައްދަކީ "އައްޑޫ ސިޓީ" ގެ ނަމުގައި ހިންގާ ވަކި އިދާރީ ރަށެއްގެ ގޮތުގައި ވެސް ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސްއޮފީހުން ބުނީ މި ބަދަލާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ ވެސް ވަނީ އަލުން ތަރުތީބުކުރައްވާފައިކަމަށާއި، މީގެއިތުރުން އަލަށް އުފެއްދެވި ދެ އިދާރާގެ ނަން އިނގިރޭސި ބަހުން ބޭނުންކުރާނެ ގޮތް ވެސް އާއްމުކޮށްފައިވާކަމަށެވެ.
ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވާ، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ. އެހެންކަމުން، 17 މޭ 2026 އިން ފެށިގެން ހިރިމަރަދޫ ކައުންސިލާ އެ ކައުންސިލްގެ އިދާރާ ވަނީ ރަސްމީކޮށް އުވާލައްވާފައެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި ކައުންސިލްތައް ރަސްމީކޮށް އުވިގެންދާނީ އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާ، އަލަށް އިންތިހާބުކުރެވޭ މެންބަރުން އެ ބޭފުޅުންގެ މަގާމާ ހަވާލުވުމުންނެވެ. ނަމަވެސް، އިދާރީ ގޮތުން މި ބަދަލަށް އަމަލުކުރަން ފެށުމަށް ނިންމަވާފައިވަނީ 17 މޭ 2026 އިން ފެށިގެންނެވެ.
