ރާއްޖެއައި ފިންލޭންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމާއެކު ވ. އަތޮޅު އަލިމަތާ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް ހިންގާ ބޮޑު އޮޕަރޭޝަން މިއަދު އަލުން ފަށައިފިއެވެ.

ދަ ޕްރެސް އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، ރާއްޖެ އައި ފިންލޭންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމާއި، އެމްއެންޑީއެފް ކޯސްޓްގާޑް ޑާއިވާސް އަދި ޕޮލިސް ޑައިވާސް އާއެކު މިއަދު އޮޕަރޭޝަން އަލުން ފަށާފައިވާ ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ މިއަދު ކުރާނީ އޮރިއެންޓޭޝަން ޑައިވްސްކަމާއި، މިއަދު އެހާ ފުނަށް ފީނައި ކޭވް އަށް ވަދެ ބަލައި ނުހަދާނެކަމަށެވެ. އަދި ކަނޑު އަޑީގައި އާރުއޯވީ (ރިމޯޓް ކޮންޓްރޯލް ވެހިކަލް) ބޭނުންކޮށް ސަރަހައްދު މެޕްކޮށް ސާވޭކުރުމުގެ މަސައްކަތްވެސް މިއަދު ކުރެވުނުކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ. ނަމަވެސް އޮއެވަރު ހުރިގޮތުން އާރްއޯވީ ބޭނުން ކުރުން މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ.

"ޑައިވް އެބަކުރޭ މިއަދު. އެކަމު މިއަދު ހަމައެކަނި އޮރިއެންޓޭޝަން ޑައިވްސް އެދަނީ. މިއަދަކު އަދި ސާޗް ޑައިވް އެއް ނުކުރޭ."
ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު)

މޫސުމާ ގުޅިގެން މި އޮޕަރޭޝަނަށް ހުރި ގޮންޖެހުންތަކަށް އަލި އަޅުވާލާ ތަރުޖަމާނު ވިދާޅުވީ މޫސުން ގޯސްވެ ކަނޑުގެ އޮއެ ގަދަކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަނޑު އަޑިއަށް ފޮނުވި އާރްއޯވީ ބޭނުންކުރުން މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ. ތަރުޖަމާނު ވިދާޅުވީ ރާއްޖެއައި ޑައިވަރުންނާއެކު ކުރި މަޝްވަރާތަކުން ރޭވި ފުރަތަމަ ޕްލޭންއަކީ އާރްއޯވީ ބޭނުންކޮށް، އެ ފޮނުވޭނެ އެންމެ ފުނަށް ފޮނުވާ ފޮޓޯކޮޅެއްނަގައި، ވީޑިއޯކޮޅެއްނަގައި، އެސަރަހައްދުގެ ކަންކަން ދެނެގަތުމަށެވެ. ނަމަވެސް މޫސުމާ، އޮއެވަރާ ގުޅިގެން މިކަން ކުރިއަށްނުގެންދެވޭ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ދެ ދުވަހުގެ މެދުކެނޑުމަކަށް ފަހު އަލުން މި އޮޕަރޭޝަން މިއަދު ފެށީ، މިދިޔަ ހޮނިހިރު ދުވަހު މި މަސައްކަތުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ތަޖުރިބާކާރު ޑައިވަރު، ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން މެދުކަނޑާލުމަށް ފަހުގައެވެ.

އަލިމަތާ ކައިރިއަށް ޑައިވިނަށް ފޭބި ފަސް ޓޫރިސްޓުން ގެއްލިގެން ހޯދަމުންދަނިކޮށް، މިހާތަނަށް ފެނިފައިވަނީ އެންމެ މީހެއްގެ ހަށިގަނޑެވެ. އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހަށިގަނޑު ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، މޫދު އަޑިން ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ބޮޑު ކޭވްއެއްގެ ތެރެއިންނެވެ. އެމްއެންޑީއެފުން ލަފާކުރާ ގޮތުގައި، ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ވީކަމަށް ބެލެވެނީ ދިގުމިނުގައި 200 އެއްހާ ފޫޓު ހުރި މި ކޭވްގެ ތެރޭގައެވެ.