ވ. އަތޮޅުގެ ފަޅުތެރޭގައި ހުރި ފުން ހޮހަޅައަކަށް ފީނުމުގެ ތެރޭގައި މިމަހު މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ހަށިގަނޑުގެ އޮޓޮޕްސީ ތަހުގީގުތަކުގެ ފުރަތަމަ ހޯދުންތަކުން، އެމީހުން މަރުވީ އޮކްސިޖަން ލިބުމުގައި ދަތިތަކެއް ކުރިމަތިވެގެން (ނުވަތަ ހަށިގަނޑުން އޮކްސިޖަން ހުސްވެގެން) ކަން ދައްކައިފިއެވެ.
ރޯމްގެ ޕްރޮސެކިއުޓާ އޮފީހުން ކުރިއަށްގެންދާ މި ތަހުގީގުގައި، ޔުނިވާސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯނޭ އާއި އޭނާގެ އަންހެން ދަރިފުޅު ޖިއޮޖިއާ ސޮމާކަލްގެ އިތުރުން ރިސާޗަރު މުރިއެލް އޮޑެއިނޯގެ އޮޓޮޕްސީ މިހާރު ވަނީ ނިންމާފައެވެ. މީގެކުރިން ވަނީ ދޯނީގެ ކެޕްޓަން އަދި ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީ އާއި ރިސާޗަރު ފެޑެރިކޯ ގުއަލްޓިއޭރީގެ އޮޓޮޕްސީ ވެސް ހަދާފައެވެ.
ކޮރޮނާ ލޫކާ ޓަޖާނާގެ ފުރަތަމަ ހައިޕޮތެސިސްތަކަށް (ލަފާކުރުންތަކަށް) ބަލާއިރު، މި ފަސް މީހުންވެސް މަރުވީ ގެނބިގެން ނުވަތަ ހަށިގަނޑަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ނުލިބުގެ ސަބަބުންނެވެ. ނަމަވެސް، މިކަން ރަސްމީކޮށް ކަށަވަރުކުރުމަށް ހަދާ ހިސްޓޮލޮޖިކަލް ޓެސްޓްތަކުގެ ފުރިހަމަ ނަތީޖާ ލިބުމަށް އަދި ހަފްތާތަކެއް ނަގާނެއެވެ
މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މި ގުރޫޕުގެ ތެރެއިން މޮނިކާ، ޖިއޯޖިއާ، މުރީއެލް އަދި ފެޑެރީކޯގެ ހަށިގަނޑު ފެނިފައިވަނީ ހޮހަޅައިގެ ގާތްގަނޑަކަށް 165 ފޫޓު (50 އަށްވުރެ ގިނަ މީޓަރު) އަޑިން، ތިންވަނަ ޗެމްބަރުގެ ދޮރުމަތިންނެވެ. ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީގެ ހަށިގަނޑު ފެނުނީ އެ ޗެމްބަރަށް ވަންނަ ދޮރު ކައިރިން ބޭރުންނެވެ.
އިޓަލީގެ ޕްރޮސެކިއުޓަރުން އަންނަނީ މި ދަތުރަކީ ޔުނިވާސިޓީގެ ރަސްމީ ސައިންޓިފިކް މިޝަނެއްތޯ ނުވަތަ އަމިއްލަ ދަތުރެއްތޯ ބެލުމަށް އިތުރު ތަހުގީގުތައް ހިންގަމުންނެވެ. ޔުނިވާސިޓީން އެއީ ރަސްމީ ދަތުރެއް ނޫން ކަމަށް ބުނި ނަމަވެސް، އާއިލާތަކުން އެކަމާ ސުވާލު އުފަދާފައިވުމާއެކު މި ދަތުރުގެ މަގުސަދާ މެދު އަންނަނީ ބަހުސްތައް ކުރެވެމުންނެވެ.
މީގެ އިތުރުން ޑައިވަރުން ބޭނުންކުރި ގޯ-ޕްރޯ ކެމެރާތަކުގެ ފުޓޭޖްތައް ދިރާސާކޮށް، އެހާ ފުނުގައި އޮތް ނުރައްކާތެރި ހޮހަޅައަކަށް އެމީހުން ވަންނަން މެދުވެރިވި ސަބަބާއި، ހޮހަޅައިގެ ތެރޭގައި ހިނގި ކަންތައްތައް ދެނެގަތުމުގެ މަސައްކަތް ފުލުހުންނާއި ތަހުގީގީ އިދާރާތަކުން ދަނީ ކުރަމުންނެވެ.
