ހައުސިން މިނިސްޓްރީން ހިންގާ މަޝްރޫއުތަކަށް 24 ބިލިއަން ރުފިޔާ އަދި ހެލްތް މިނިސްޓްރީން ހިންގާ މަޝްރޫއުތަކަށް 3.8 ބިލިއަން ރުފިޔާ ހޭދަވާނެހެން، ނެޝަނަލް ޓެންޑާ ބޯޑުން މިދިޔަ އަހަރުގެ ތެރޭގައި އެކި ދާއިރާތަކުން ޖުމްލަ 459 މަޝްރޫއެއް އެވޯޑުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓެންޑާ ބޮޑުން އެވޯޑްކޮށްފައިވާ 459 މަޝްރޫއުގެ ޖުމްލަ އަގު 31.9 ބިލިއަން ރުފިޔާއަށް އަރައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، ޓެންޑާ ބޯޑުން އެވޯޑުކުރި މަޝްރޫއުތަކުގެ ސީދާ ޖުމްލަ އަގަކީ 31,974,590,642.40 އެވެ. މި ރިޕޯޓުގައިވާ ގޮތުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ކަނޑައަޅާފައިވަނީ ހައުސިން މަޝްރޫއުތަކަށެވެ. އެގޮތުން ހައުސިން މިނިސްޓްރީގެ ދަށުން ހިންގާ މަޝްރޫއުތަކަށް 24.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ހައުސިން މިނިސްޓްރީން ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:

  • ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 51 މަޝްރޫއު: 7.5 ބިލިއަން ރުފިޔާ
  • މަގު ހެދުމުގެ 64 މަޝްރޫއު: 6.6 ބިލިއަން ރުފިޔާހަ
  • އުސިންގެ 13 މަޝްރޫއު: 6.1 ބިލިއަން ރުފިޔާ
  • ހާބަރުގެ 36 މަޝްރޫއު: 2.6 ބިލިއަން ރުފިޔާ
  • އެއާޕޯޓްގެ 3 މަޝްރޫއު: 1.3 ބިލިއަން ރުފިޔާ
  • ފެނާއި ނަރުދަމާގެ 13 މަޝްރޫއު: 684 މިލިއަން ރުފިޔާ

ސިއްހީ ދާއިރާއަށް ބަލާއިރު، ހެލްތު މިނިސްޓްރީގެ 71 މަޝްރޫއެއް 3.8 ބިލިއަން ރުފިޔާއަށް ވަނީ އެވޯޑުކޮށްފައެވެ. މީގެ ތެރޭގައި ހޮސްޕިޓަލްތަކުގެ 22 މަޝްރޫއަކަށް 2.7 ބިލިއަން ރުފިޔާ އަދި ހެލްތު ސެންޓަރުތަކުގެ 46 މަޝްރޫއަކަށް 911.4 މިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން އައިޖީއެމްއެޗް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލުގެ މަރާމާތާއި ތަރައްގީގެ މަސައްކަތްތަކަށްވެސް ބޮޑެތި އަދަދުތަކެއް ވަނީ ކަނޑައަޅާފައެވެ.

އެހެނިހެން ދާއިރާތަކުން އެވޯޑުކުރި މުހިންމު މަޝްރޫއުތަކުގެ ތެރޭގައި:

  • ތައުލީމީ ދާއިރާ: ސްކޫލްތަކުގެ 50 މަޝްރޫއާއެކު ޖުމްލަ 899 މިލިއަން ރުފިޔާ.
  • އިސްލާމިކް މިނިސްޓްރީ: މިސްކިތް ބިނާކުރުމާއި އިސްލާމީ މަރުކަޒުތަކުގެ މަޝްރޫއުތަކަށް 370 މިލިއަން ރުފިޔާ
  • ކުޅިވަރު ދާއިރާ: ފުޓްބޯޅަ ދަނޑުތަކާއި ފިޓްނަސް ސެންޓަރުތަކުގެ މަޝްރޫއުތަކަށް 355 މިލިއަން ރުފިޔާ
  • އިމިގްރޭޝަން: އައިސީޓީ ސޮލިއުޝަންތަކާއެކު 355.8 މިލިއަން ރުފިޔާ
  • ސަލާމަތީ ހިދުމަތްތައް: ފުލުހުންގެ 38 މަޝްރޫއަކަށް 782.5 މިލިއަން ރުފިޔާ
  • އެމްއެންޑީއެފްގެ މަޝްރޫއަކަށް 197.4 މިލިއަން ރުފިޔާ

މީގެ އިތުރުން ތިމާވެށީގެ ދާއިރާއިން އިޔާދަކުރަނިވި ހަކަތަ އާއި ކުނި މެނޭޖްކުރުމުގެ މަޝްރޫއުތަކަށް 100 މިލިއަން ރުފިޔާ ވަނީ އެވޯޑުކޮށްފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރަކީ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ދާއިރާތަކަށް ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ކަނޑައެޅިގެންދިޔަ އަހަރެކެވެ.