މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، ސެގްމަންޓް 2، 3 އަދި 4 ގެ އެއްގަމު ތޮށީގައި ކެޕިން ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށެވެ. އެގޮތުން މިހާތަނަށް 100 މީޓަރުގެ ސަރަހައްދެއްގައި ކެޕިން ކޮންކްރީޓް އަޅާ ނިމިފައިވާއިރު، މި ސެގްމަންޓްތަކުގެ ޝީޓް ޕައިލް ޖެހުމުގެ މަސައްކަތުގެ 68 ޕަސެންޓް މިހާރު ވަނީ ފުރިހަމަ ވެފައި ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
މަގު ހެދުމުގެ މަސައްކަތުގެ އިތުރުން، އުމްރާނީ ވަސީލަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތައް ވެސް ބާރުމިނުގައި ދަނީ ކުރިއަށެވެ. އެގޮތުން ނަރުދަމާގެ ނިޒާމު އަޕްގްރޭޑް ކުރުމާއި، ފެނާއި ނަރުދަމާގެ މައި ހޮޅިތައް އެޅުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ފެންހިންދާ ނިޒާމުގެ ކެޗްޕިޓްތަކާއި ވަޅުތައް ހެދުމުގެ މަސައްކަތް ވެސް ބާރުމިނުގައި ކުރިއަށްދާކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން، އެއްގަމު ތޮށީގެ ވަރުގަދަކަން ދެމެހެއްޓުމަށް ބޭނުންވާ އެންކާ ބްލޮކްތައް ބެހެއްޓުމާއި، ތޮށީގެ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރާނެއެވެ.
ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން މި މަޝްރޫއު ކުރިއަށް ގެންދާއިރު، އެމްޓީސީސީގެ އަމާޒަކީ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އަންނަ ޖުލައިގެ ނިޔަލަށް މަސައްކަތް ނިންމުމެވެ. ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން މިހާތަނަށްވަނީ، އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްގީ ކޮށްފައެވެ. އެއީ ޖުމުލަ 380 މީޓަރުގެ ސަރަހައްދެވެ.
