ފިންލޭންޑް ޑައިވަރުންނާއެކު ސާޗް އޮޕަރޭޝަން އަލުން ފެށުމަށް މަޝްވަރާ ކުރަމުންދާކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ދަ ޕްރެސް އަށް މައުލޫމާތު ދެއްވަމުން މުންދު ވިދާޅުވީ މިއަދު ރާއްޖެ އައި ފިންލޭންޑުގެ ޑައިވަރުންނަކީ ކަނޑު އަޑީގެ ފުން ސަރަހައްދާއި، ކޭވް ޑައިވިން އަށް ތަޖުރިބާކާރު ޑައިވަރުންކަމަށެވެ.

ވ. އަތޮޅު އަލިމަތާ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށްޓަކައި، ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމެއް ރާއްޖެ އައީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިމަސައްކަތުގައި މީހުން ހޯދަން ހަވާލުކޮށްފައި ވަނީ އިޓަލީގެ ޑޭން ނަމަކަށް ކުންފުންޏަކާ އެވެ. ޑޭން އަކީ ޑައިވް ސޭފްޓީ ނެޓްވާކްއެއްކަމަށް ފާހަގަކުރައްވާ ތަރުޖަމާނު ވިދާޅުވީ ރާއްޖެ އައި ފިންލޭންޑުގެ ޑައިވަރުން ރެކްރޫޓްކޮށްފައިވަނީ އެކުންފުނިން ކަމަށެވެ.

މިއަދު ރާއްޖެ އައި ޑައިވަރުން ރާއްޖެ އައިސްފައިވަނީ ފުނަށް އަދި ކޭވް ތެރެއަށް ފީނުމަށް ބޭނުންވާ ސާމާނު ހިފައިގެންކަމަށްވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

ތަރުޖަމާނު ވިދާޅުވީ މިހާރު ފިންލޭންޑް ޑައިވަރުންނާއެކު ސާޗް އޮޕަރޭޝަން އަލުން ފެށުމަށް މަޝްވަރާ ކުރަމުންދާކަމަށެވެ. އަދި އެމީހުންގެ ރެކޮމެންޑޭޝަނާއި އެއްގޮތަށް މިމަސައްކަތް ފެށިގެންދާނެކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.