ވ. އަތޮޅު އަލިމަތާ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށްޓަކައި، ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ހޮހަޅަތަކަށް ފީނުމުގެ ހާއްސަ ތަޖުރިބާ ލިބިފައިވާ ތިން ޑައިވަރުން ހިމެނޭ މި ޓީމު ރާއްޖެ އައީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި ޓީމުން ރާއްޖެ އައީ މިފަދަ ނުރައްކާތެރި އަދި ފުން ހިސާބުތަކުގައި ބޭނުންކުރާނެ ޒަމާނީ ޓެކްނިކަލް ސާމާނާވެސް އެކުގައެވެ. ފިންލެންޑުގެ ޓީމުން މިހާރު ދަނީ ރާއްޖޭގެ ކޯސްޓްގާޑުގެ ސިފައިންނާ ގުޅިގެން ކުރިއަށް އޮތް މަސައްކަތްތައް ރޭވުމަށް މަޝްވަރާ ކުރަމުންކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. އޮޕަރޭޝަންތައް އަލުން ފަށާނެ ވަގުތެއް ނިންމާނީ މި މަޝްވަރާތަކަށް ފަހުގައެވެ.

އަލިމަތާ ކައިރިއަށް ޑައިވިނަށް ފޭބި ފަސް ޓޫރިސްޓުން ގެއްލިގެން ހޯދަމުންދަނިކޮށް، މިހާތަނަށް ފެނިފައިވަނީ އެންމެ މީހެއްގެ ހަށިގަނޑެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ހަށިގަނޑު ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، މޫދު އަޑިން ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ބޮޑު ކޭވްއެއްގެ ތެރެއިންނެވެ. މި ހަށިގަނޑު ފެނިފައިވަނީ ހޯދުމުގެ މަސައްކަތުގައި ބައިވެރިވި ސަފާރީގެ ޑައިވަރުންނަށެވެ.

އެމްއެންޑީއެފުން ލަފާކުރާ ގޮތުގައި، ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ވީކަމަށް ބެލެވެނީ ދިގުމިނުގައި 200 އެއްހާ ފޫޓު ހުރި މި ކޭވްގެ ތެރޭގައެވެ. މި މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑުގެ އަޑިއަށް ޑައިވްކޮށް އުޅުމުގެ ތެރޭގައި ހާލު ދެރަވެގެން ފަރުވާ ކުރަމުންދިޔަ ސިފައިންގެ ޑައިވަރު، ސްޓާފް ސާޖެންޓް މުހައްމަދު މަހުދީ ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ނިޔާވެފައެވެ. މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފް އިން ކުރިއަށްގެންދިޔަ ރެސްކިއު އޮޕަރޭޝަން ވަނީ މެދުކަނޑާލާފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ޑައިވަރުން ދަތުރުކުރި "އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން ވަނީ މިހާރު ސަސްޕެންޑް ކޮށްފައެވެ.