ތިން ރައީސުން ގެ ފަރާތްޕުޅުން އުފެއްދެވުމަށް ނިންމަވާފައިވާ ހާއްސަ ކޮމިޓީއަށް އެ ބޭފުޅުން ކަނޑައަޅުއްވާ މެންބަރުން އައްޔަން ކުރައްވައިފިއެވެ.

މި ކޮމިޓީއަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފާހަގަކޮށްލެވޭ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ރައީސް އަބްދުﷲ ޔާމީން އިސްނަންގަވައިގެން އެކުލަވާލެއްވި ކޮމިޓީއެކެވެ.

ކޮންމެ ރައީސެއްގެ ފަރާތްޕުޅުންވެސް މި ކޮމިޓީއަށް ވަނީ ދެ ބޭފުޅުން އައްޔަންކުރައްވާފައެވެ. އެގޮތުން ނަޝީދުގެ ފަރާތްޕުޅުން އީވާ އަބްދުﷲ އަދި ފައްޔާޒް އިސްމާއީލް އައްޔަންކުރެއްވިއިރު ސޯލިހްގެ ފަރާތްޕުޅުން އައްޔަންކުރެއްވީ މުހައްމަދު އަސްލަމް (ސައްލެ) އަދި އަލީ ނިޔާޒް (ބިގޭ)އެވެ. މީގެ އިތުރުން މި ކޮމިޓީއަށް ޔާމީންގެ ފަރާތްޕުޅުން މުހައްމަދު މަލީހް ޖަމާލް އަދި އަހްމަދު ޒާހިރު (ޒަރިޔަންދު)ވަނީ އައްޔަންކުރައްވާފައެވެ.

މި ކޮމިޓީގެ ރަސްމީ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ މެއި 18، 2026 ގައެވެ. މި ކޮމިޓީގެ މައިގަނޑު މަގްސަދަކީ ސަރުކާރު ޖަވާބުދާރީކުރުން ކަމުގައިވާއިރު މި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ އިތުރު ތަފްސީލުތައް ހާމަކުރާނެކަމަށް މި ކޮމިޓީއިން ވަނީ ބުނެފައެވެ.

ނޫސްވެރިންގެ ދިފާއުގައި ތިން ރައީސުން އެކުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު މި ވަގުތު ތިން ރައީސުންގެ ވެސް އަމާޒަކީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރި ހުރަސްތައް ނައްތާލުމަށް އެކުގައި މަސައްކަތް ކުރުންކަން ވަނީ ހާމަކޮށްފައެވެ.