ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާއާއި ގުޅިގެން އެ މީހުން ޑައިވިންއަށް ގެންދިޔަ 'އެމްވީ ޑޫކް އޮފް ޔޯކް'ގެ އޮޕަރޭޓިން ލައިސަންސް މުއްދަތެއް ނެތް ގޮތަށް ޓޫރިޒަމް މިނިސްޓްރީން ސަސްޕެންޑު ކޮށްފި އެވެ.
ވ. އަތޮޅު އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ބުރާސްފަތި ދުވަހު ހިނގި ހިތާމަވެރި ހާދިސާގައި އެއް ޑައިވަރު މަރުވެފައިވާއިރު އަނެއް ހަތަރު ޑައިވަރުން ވަނީ ގެއްލިފައެވެ. އަދި ފެނިފައި ވަނީ ޑައިވިން އިންސްޓްރަކްޓަރެއް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް މެދުނުކެނޑި އަންނަނީ ކުރަމުންނެވެ.
މި ހާދިސާއާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ މުއްދަތެއް ނެތް ގޮތަށް އެ އުޅަނދުގެ ލައިސެންސް ސަސްޕެންޑު ކޮށްފައެވެ. އަދި މިއީ ހާދިސާގެ ސީރިއަސްކަމަށް ބަލައި، ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ހާދިސާގައި ގެއްލުނު ފަސް މީހުންވެސް މަރުވެފައިވާ ކަމަށް އިޓަލީގެ ފޮރިން މިނިސްޓްރީން މިހާރު ވަނީ ބުނެފައެވެ. އިޓަލީގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަރުވި މޮނިކާގެ އިތުރުން މި ހާދިސާގައި ގެއްލިފައިވަނީ އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލް އާއި، މިއުރިއަލް އޮޑެނީނޯ، ޖިއަންލޫކާ ބެނެޑެޓީ އަދި ފެޑެރިކޯ ގުއަލްޓިއޭރީއެވެ.
އެމްއެންޑީއެފުން ލަފާކުރާ ގޮތުގައި، ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ވީކަމަށް ބެލެވެނީ ދިގުމިނުގައި 200 އެއްހާ ފޫޓު ހުރި މި ކޭވްގެ ތެރޭގައެވެ. މިހާތަނަށް ހޯދުނު މީހާގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު އަޑިން ކޭވްއެއްގެ ތެރެއިންނެވެ. ނަމަވެސް ރާއްޖޭގައި ޑައިވްކުރަން ހުއްދަ އޮންނަ އެންމެ ފުން މިނަކީ 30 މީޓަރެވެ.
