ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދު ވެފައިވާ ވިސާ އެގްޒެމްޕްޝަން އެގްރީމަންޓަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައި، ދެގައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުން ފެށިގެން މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، ދެ ގައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަށް އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވޭނެ ކަމަށެވެ.

މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ ސީޝެލްސްގެ ފޮރިން މިނިސްޓަރު ބެރީ ފޯ ރާއްޖެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ސީޝެލްސްގެ ހާރިޖީ މިނިސްޓަރަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ރާއްޖެއާއި ސީޝެލްސްއާ ދެމެދު އޮތް ގާތް ގުޅުމާއި، ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން ރަމްޒުކޮށްދޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރު އިރުތިޝާމް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ތާރީހީ ނިންމުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ފަތުރުވެރިކަމާއި އިންވެސްޓްމަންޓްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މީގެ ސަބަބުން ގިނަ އަދަދެއްގެ ދިވެހިންނާއި ސީޝެލްސްގެ ރައްޔިތުންނަށް ދެ ގައުމުގެ ރީތި ރަށްތަކާއި ކަނޑުފަޅުތަކުގެ ތަޖުރިބާ ހޯދުމަށް މަގުފަހިވެގެންދާނެއެވެ.