ވ. އަތޮޅުގައި އޮތް ސަފާރީއަކުން ފީނަން ދިޔަ ފަސް މީހަކު ގެއްލިގެން ހޯދަނިކޮށް، އެ އެންމެންވެސް ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ 5 މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 މެއި 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:45 އެހައިކަންހާއިރުއެވެ.

މި މީހުން ހޯދުމަށް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން، ގެއްލުނު ފަސް މީހުންވެސް މިހާރު ވަނީ ފެނިފައެވެ. ނަމަވެސް، އެ އެންމެންވެސް ފެނުނުއިރު އޮތީ ނިޔާވެފައި ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ފުލުހުން ބުނީ މި ހާދިސާގައި ނިޔާވެފައިވަނީ އިޓަލީވިލާތަށް ނިސްބަތްވާ ފަސް ފަތުރުވެރިންކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާކުރަމުންދާނެ ކަމަށެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ޑައިވިން ހާދިސާއެއްގައި މިހާ ގިނަ އަދަދެއްގެ މީހުން ނިޔާވި ފުރަތަމަ ހާދިސާއެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.