1447 ވަނަ އަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ހައްޖުވެރިން ފުރާ ދުވަސްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓްރެފިކް ބާރު ބޮޑުވާނެތީ ދަތުރުވެރިން އެކަމަށް ސަމާލުވުމަށް އެމްއޭސީއެލް އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެމްއޭސީއެލް އިން މިއަދު ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ބުނީ، ހައްޖުގެ އަޅުކަމަށް ދާ ދިވެހިން ފުރާނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހު ކަމަށެވެ.
އެ ދުވަސްތަކުގައި ގިނަ އަދަދެއްގެ ބަޔަކު އެއާޕޯޓަށް ދާނެ ކަމަށް ލަފާކޮށް، ދަތުރުވެރިން އެ ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. ހަމަ އެހެންމެ އެ ދުވަސްތަކުގައި އެއާޕޯޓުގެ ޕާކިންއަށް ވެސް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭތީ އެއާޕޯޓަށް ދިއުމަށް ބަސް ނުވަތަ ފެރީ ހިޔާރުކުރުމަށް ވެސް އެމްއޭސީއެލް އިން އެދިފައި ވެއެވެ.
މީގެ އިތުރުންވެސް ހައްޖުވެރިންނަށް ވީއައިއޭގައިވެސް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައި ވެއެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 26 ވަނަ ދުވަސް ކަމަށްވާއިރު މިއަހަރު ވެސް ދިވެހިރާއްޖެއަށް ލިބިފައިވަނީ 1،000 ހައްޖު ކޯޓާއެވެ. ދިވެހިރާއްޖޭގެ ހައްޖު މިޝަނުން އަންނަނީ ހައްޖުވެރިންގެ ދަތުރުގެ ކަންކަން އިތުރަށް ފުރިހަމަކުރުމަށްޓަކައި ސައުދީގެ ކަމާބެހޭ އެހެނިހެން އިދާރާތަކާއެކުވެސް ގާތުން މަސައްކަތްކުރަމުންނެވެ.
