ރާއްޖޭގައި ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ސަރުކާރުން ހަނިކުރަމުން ނުދާކަމަށާއި، މައްސަލައަކީ އެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގާތީކަމަށް މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވެފައިވަނީ، "އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި މައްސަލައިގައި އެ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރު 10 ދުވަހަށް އަދި މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރުމާ ގުޅިގެންނެވެ. މި ހުކުމާއެކު ގިނަ ބަޔަކު ދަނީ ނޫސްވެރިކަމުގެ މިނިވަންކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަނެ އަތުލައިގަނެގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިއަދު ފެންނަމުންދަނީ މި ހައްގުތައް އެއްވެސް އިންތިހާއެއް ނެތުމުން، ބައެއް ފަރާތްތަކުން އެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަބުރުފުޅަށް އަރައިގަނެ ގަޒްފުކުރަމުންދާ މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރާ ހުރިހާ ނޫސްވެރިން ފުލުހަށް ނުވަތަ ކޯޓަށް ނުގެންދާ ކަމަށާއި، އެއްވެސް ނޫސްވެރިއަކު ޖަލަށްވެސް ނުލާ ކަމަށެވެ. އަދި ބޭނުން ކޮންމެ ސުވާލެއް ކުރުމުގެ ފުރުސަތުވެސް ހުރިހާ ނޫސްވެރިންނަށް ފަހިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ކޯޓު އަމުރަކާ ހިލާފުވާން ފުރުސަތު ދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަކަށްވެސް ލިބިވަޑައެއްނުގަންނަވާކަމަށް ހީނާ ވިދާޅުވިއެވެ.
ސިޔާސީ މީހުންގެ އަބުރަށް އަރައިގަތުމާއި، ދޮގު އިލްޒާމް އަޅުވައިގެން ސިޔާސީ ނަފާ ހޯދުމަށް ގާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަން ނާޖާއިޒު ގޮތުގައި ބޭނުންކުރުން ދަނީ ރޯވަމުންދާ އަލިފާންގަނޑެއް ފަދައިން ފެތުރެމުން ކަމަށްވެސް ހީނާ ވިދާޅުވިއެވެ. ހީނާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ހެދިފައިވާ ގާނޫނުތައް ތަންފީޒު ކުރެވޭނެ ކަމަށާއި، ގާނޫނުތަކާ ހިލާފުވުމުން ފިޔަވަޅުވެސް އެޅޭނެ ކަމަށެވެ. އަދި ގާނޫނު ތަންފީޒު ކުރުމަކީ ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ޒާތީނުވެ، ދޮގު ނަހަދައި، އަދި މީހުންގެ އަބުރާ ނުބެހިވެސް ސަރުކާރަށް ފާޑުކިޔައި ޒިންމާދާރު ކުރެވޭނެ ކަމަށް ވިދާޅުވަމުން، ހީނާ ވަނީ ޒިންމާދާރުކަމާއެކު މިނިވަންކަމުގެ ބޭނުން ހިފުމަށް އިލްތިމާސް ކުރައްވާފައެވެ.
