ތާރީހާއި ސަގާފަތުގެ މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ތަނަކީ ދާރުލްއާސާރެވެ. މިކަމުގެ މުހިއްމުކަން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމަށްޓަކައި ކޮންމެ އަހަރެއްގެ މޭ މަހުގެ 18 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ދާރުލްއާސާރު ދުވަހުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައުތަކުގެ ތާރީހާއި ސަގާފަތް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި ދާރުލްއާސާރުތަކުން އަދާކުރާ މުހިއްމު ދައުރާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ.
ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރުގެ ތާރީހަށް ބަލާއިރު، މިއީ ވަރަށް ކުރީއްސުރެ ފެށިގެން އިސްކަންދެވިފައިވާ ކަމެކެވެ. ރާއްޖޭގެ ގައުމީ ދާރުލްއާސާރު ފުރަތަމަ ހުޅުވުނީ ނޮވެމްބަރު 11، 1952 ގައެވެ. މިއީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ޒައާމަތުގައި، ރާއްޖޭގެ ތާރީހީ ތަކެތި ގެއްލިގެން ނުދާނެހެން ރައްކާތެރިކުރުމުގެ މަތިވެރި މަގްސަދުގައި ހުޅުވި ތަނެކެވެ.
އިމާރާތުގެ ގޮތުން ބަލާއިރު، ކުރީގެ ދާރުލްއާސާރު ހިންގަމުން އައީ ސަލްޓަން ޕާކުގައި ހުރި ކުރީގެ ރަސްކަމުގެ ގަނޑުވަރުގެ ބައެއްގައެވެ. މި ތަނަކީ "އުސްގެކޮޅު" ގެ ނަމުން މަޝްހޫރުވެފައިވާ ތާރީހީ ބިނާއެކެވެ. ނަމަވެސް، ޒަމާނާ އެއްގޮތަށް ތަކެތި ރައްކާތެރިކުރުމުގެ ބޭނުމުގައި، ޗައިނާ ސަރުކާރުގެ ދީލަތީ އެހީގައި އާ އިމާރާތެއް ބިނާކުރެވުނެވެ. މިހާރު ފެންނަން ހުރި ޒަމާނީ ވަސީލަތްތަކުން ފުރިގެންވާ އާ އިމާރާތް ހުޅުވާފައި ވަނީ ޖުލައި 26، 2010 ގައެވެ.
ގައުމީ ދާރުލްއާސާރުގައި ރައްކާކުރެވިފައިވާ ތަކެތީގެ ތެރޭގައި ރާއްޖޭގެ ދިގު ތާރީހުގެ އެކި މަރުހަލާތަކަށް ނިސްބަތްވާ އަގުހުރި ތަކެތި ހިމެނެއެވެ. އޭގެ ތެރޭގައި އިސްލާމްދީނުގެ ކުރީގެ ދައުރުގައި ރާއްޖޭގައި ބުދުދީން އޮތްއިރު ބޭނުންކުރި ހިލައިގެ ބައެއް އާސާރީ ތަކެއްޗާއި، ރަސްކަމުގެ ދައުރުގައި ރަސްރަސްކަލުން ބޭނުންކުރެއްވި ތަހުތުތަކާއި، ހެދުންކޮޅުތަކާއި، ގަހަނާތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ކުރީގެ ދިވެހިން ހަނގުރާމައިގައި ބޭނުންކުރި ކަނޑި، އައްޑަނަ އަދި ބަޑި ފަދަ ހަތިޔާރުތަކާއި، ދިވެހިންގެ ކުޅަދާނަ މަސައްކަތްތެރިކަން ދައްކުވައިދޭ ލިޔެލާޖެހުމާއި، ކަސަބު ބޯވަޅު އެޅުމާއި، ފޭރާންކުރުމުގެ ނަމޫނާތައްވެސް މިތަނުން ފެންނަން ހުރެއެވެ.
އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ހީނާ ދާރުލްއާސާރާއި އާސާރީ ތަންތަން ރައްކާތެރިކުރުމާ ގުޅޭގޮތުން ދެއްވި މައުލޫމާތުގައި ވިދާޅުވެފައި ވަނީ އާސާރީ ތަންތަނާއި ތަކެތި ރައްކާތެރިކުރުމުގެ އާ މަޝްރޫއެއް ފަށާފައިވާ ކަމަށެވެ. އެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އާސާރީ ތަންތަނާއި ތަކެތި ފަނާވެނުގޮސް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށްޓަކައި "ތަރިކަ" މަޝްރޫއުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ހަމައެއާއެކު ރާއްޖޭގައި ހުރި އާސާރީ ހުރިހާ ތަންތަނާއި ތަކެތީގެ ފުރިހަމަ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށާއި، އެ މައުލޫމާތުތައް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޑިޖިޓަލައިޒް ކުރެވޭނެ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ބައެއް ރަށްރަށުގައި ހުރި ގަދީމީ އާސާރީ މިސްކިތްތައް އޭގެ އަސްލު ނުގެއްލޭނެހެން މަރާމާތުކުރުމުގެ މަސައްކަތް ބޭރުގެ މާހިރުންގެ އެހީތެރިކަމާއެކު ކުރިއަށްދާކަން ވެސް ހީނާ ހާމަކުރެއްވިއެވެ.
ގައުމީ ދާރުލްއާސާރު ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި ގައުމީ ދާރުލްއާސާރުގައި ހުރި ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާ ކުރުމާއި، އެ ތަނުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަސައްކަތްތަކަކީ ދިވެހިންގެ އައިޑެންޓިޓީ ނުވަތަ ދިވެހިވަންތަކަން ދެމެހެއްޓުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ އިސްކަމެއްގެ ދަށުން ކުރެވޭ މަސައްކަތްތަކެކެވެ.
ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރަކީ ދިވެހިންގެ އަމިއްލަވަންތަކަމާއި، ކުރީގެ ދިރިއުޅުމާއި، ސަގާފަތް ދައްކުވައިދޭ އެންމެ މުހިއްމު މަރުކަޒެވެ. މިއީ ކިޔަވާ ކުދިންނަށާއި، ދިރާސާކުރާ ފަރާތްތަކަށް އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖޭގެ މުއްސަނދި ތާރީހު އޮޅުންފިލުވައިދޭ މައިގަނޑު މަސްދަރެވެ.
