ކުރީގެ ސަރުކާރުން ހުޅުމާލޭގައި ކުރިއަށްގެންދިޔަ 'ގެދޮރުވެރިޔާ' މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި 4,000 މީހުންގެ ލިސްޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އޭގެ ތެރެއިން 460 އެއްހާ މީހުންގެ ފްލެޓް އަތުލާފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި، ކުރީގެ ލިސްޓުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރުމުން ލިސްޓަށް ބަދަލު ގެންނަން ޖެހުނު ކަމަށާއި މިހާތަނަށް ގާތްގަނޑަކަށް 460 އެއްހާ އެޕްލިކޭޝަން ބާތިލުކޮށްފައިވާ ކަމަށެވެ.
ކުރީގެ ސަރުކާރުން އެކުލަވާލި ލިސްޓު މުރާޖައާ ކުރަން ޖެހުނު ސަބަބު ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ 76 އަށް ވުރެ މަތިން މާކްސް ލިބިފައިވާ 500 އަށް ވުރެ ގިނަ މީހުންނަށް ފްލެޓު ނުދީ، 75 މާކްސް ލިބުނު ބައެއް މީހުންނަށް ފްލެޓު ދީފައި ހުރި ކަމަށެވެ. އެހެންކަމުން، އުސޫލުގެ ތެރެއިން މަތިން މާކްސް ލިބުނު ފަރާތްތަކަށް އިސްކަންދިނުމުގެ ގޮތުން ލިސްޓަށް ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަނުވެ އެ ތަންތަން ލިބިފައި ހުރި މީހުންގެ އަތުން އެ ފްލެޓުތައް ނަގައި، އެ ފަރާތްތަކަށް ދެ ކޮޓަރީގެ ފްލެޓުތަކަށް ބަދަލުކުރުން ފަދަ އޮޕްޝަންތަކެއް ދީފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
