ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވުމުގެ ހުއްދަ "އަދަދު" ނޫހަށާއި އެ ނޫހުގެ ނޫސްވެރިންނަށް ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމައިފިއެވެ.

ރައީސް އޮފީހުން މި ފިޔަވަޅު އަޅާފައިވަނީ އެ ނޫހުގެ މީސްމީޑިއާ އެކައުންޓަކުން ދައުރުކުރި ވީޑިއޯ ކޮންޓެންޓަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި ޖިނާއީ މައްސަލައެއް ހިނގަމުންދަނިކޮށް އެ ކޯޓުން ނެރުނު އަމުރަކާ އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ހިލާފުވުމާ ގުޅިގެންކަމަށް ރައީސްއޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި މައްސަލައަކީ ދިވެހި ފުލުހުންގެ ޚިދުމަތުންނާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ކޮމިޝަނުން ވެސް ބަލަމުންދާ މައްސަލައެކެވެ.

ސްވެރިޔާ މުހައްމަދު ޝަހުޒާން ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކާ ގުޅިގެން ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމުގެ ތުހުމަތުގައި އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުވާން ވެސް ވަނީ އަންގާފައެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ، "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން ވަނީ އެ ނޫޙުން ތައްޔާރު ކުރި ޑޮކިއުމަންޓަރީއާ ގުޅޭ ސުވާލުތަކެއް ރައީސް އާ ކުރައްވާފައެވެ. އެ ސުވާލު ކުރުމާއެކީ ރައީސް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކޯޓުން ނެރެފައިވާ އަމުރާ ނޫސްވެރިޔާ ހިލާފް ވެފައިވާ ކަމަށެވެ.

ކަނޑައެޅިގެން ޝަހުޒާން ކުރީ ދޮގު ތުހުމަތުތަކެއް ކަމަށާއި އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ކޯޓު އަމުރާ ހިލާފުވެފައިވާތީ އެ މާލަމުން ނުކުތުމަށާއި އެ މާލަމުގައި ކޯޓު އަމުރާ ހިލާފު ނުވެވޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.