ނެޝަނަލް ޕޭ ކޮމިޝަނުން މުސާރަތައް އެއްހަމަކުރުމުގެ (ޕޭ ހާމަނައިޒްކުރުމުގެ) މަސައްކަތް ކުރިއިރު، އެކި ސަބަބުތަކާ ހުރެ މުސާރައިގެ ކުރިއެރުން ލިބިފައިނުވާ މުވައްޒަފުންނަށް މި ހިނގާ މޭ މަހުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕޭ ހާމަނައިޒްކުރެވުނުއިރު ބައެއް ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުވުމުގެ ބަދަލުގައި އެއްވަރެއްގައި ހިފެހެއްޓިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިއުމަން ރިސޯސަސް (އެޗްއާރު) ދާއިރާއާއި ލީގަލް ދާއިރާގެ ބައެއް މުވައްޒަފުންގެ އިތުރުން، ކައުންސިލްތަކުގެ ބައެއް މަގާމުތަކުގައި ތިބި މުވައްޒަފުން ހިމެނޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މި މަހުން ފެށިގެން އެ މުވައްޒަފުންނަށް ވެސް މުސާރައިގެ ކުރިއެރުން ލިބޭނެކަމުގެ ޔަގީންކަން ޕޭ ކޮމިޝަނުން ދެއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މީގެ ފަހުން ވެސް މުސާރަތައް އެއްހަމަކުރުމުގެ ތެރެއިން އެއްވެސް މުވައްޒަފެއްގެ މުސާރައަށް ހެޔޮ ބަދަލެއް ނާންނަ ނަމަ، ވަކިވަކިން ނަމަވެސް އެ މައްސަލަތައް ބަލައި، ކޮމިޝަނުން ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން، ފާއިތުވި އަހަރުތަކުގައި ތައުލީމީ އަދި ސިއްހީ ދާއިރާ ފަދަ މުހިންމު ދާއިރާތަކުގެ މުސާރައަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް އޮނިގަނޑަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން ބައެއް ފަންނީ މުވައްޒަފުންނަށް ކުރިއެރުން ނުލިބޭކަމުގެ ޝަކުވާތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ. ސަރުކާރުން މިހާރު އަމާޒުހިފާފައިވަނީ މިފަދަ އުނިކަންކަން ދެނެގަނެ، ހުރިހާ މުވައްޒަފުންނަށް ވެސް ހަމަހަމަކަމާއެކު މުސާރައިގެ ކުރިއެރުން ކަށަވަރުކޮށްދިނުމަށެވެ.
