ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ރައްޔިތުންގެ ބައްދަލުވުންތަކުގެ ދެވަނަ ބުރު މިއަންނަ ޖޫން މަހުން ފެށިގެން ފައްޓަވަން ނިންމަވާފައިވާކަން އެމަނިކުފާނު މިއަދު އިއުލާންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ބައްދަލުވުންތައް ފައްޓަވަނީ ރައްޔިތުންނާ ގާތުން އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރެއްވުމަށް ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން ކަމުގައި ވިދާޅުވިއެވެ. އެގޮތުން ރައްޔިތުން އެދޭގޮތަށް އަދި ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކަންތައްތައް ގެންދިއުމުގައި، ސީދާ އެމަނިކުފާނާ ހަމައަށް ނާންނަ ބައެއް ކަންކަން ހުންނަ ކަމަށާއި، މި ބައްދަލުވުންތަކަކީ އެފަދަ ކަންކަން ހައްލުކުރެއްވުމަށް ލިބިގެންދާ ވަރަށް ބޮޑު ބާރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލޭގައި ނަމަ ކޮންމެ ހަފުތާއަކު އެއް ބައްދަލުވުން އަވަށްތަކުގައި ބޭއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ދަތުރުފަތުރާއި ވަގުތުގެ ދަތިކަމެއް މެދުވެރިނުވާހާ ހިނދަކު، ހަފުތާއަކު އެއްފަހަރު ނުވަތަ އެއަށްވުރެ އަވަހަށްވެސް މި ބައްދަލުކުރެއްވުންތައް ބޭއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އެކިއެކި މަސައްކަތްތަކުގައި އުޅޭ ޕްރޮފެޝަނަލުންނާ ވަކިވަކިން ބައްދަލުކުރެއްވުމާއި، ރަށްރަށަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރެއްވުން މި ބުރުގައިވެސް ހިމެނޭކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައްޔިތުންގެ ބައްދަލުވުންތަކުގެ ފުރަތަމަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް ޒިޔާރަތްކުރައްވާފައެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އެއް އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ކުރެއްވި މި ޒިޔާރަތްތަކުގައި ރައްޔިތުންގެ ހާލުބައްލަވައި، އެކިއެކި ދާއިރާތަކުގައި ހުރި ދަތިތަކާ ގުޅޭގޮތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ފުރަތަމަ ބުރުގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވިއިރު، އޭގެ ތެރެއިން 63 ރަށަކަށް އެމަނިކުފާނު ވަނީ ދެ ފަހަރަށް ޒިޔާރަތްކުރައްވާފައެވެ.