މިއަހަރުގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން، މުހައްމަދު އާޒިމް (ޒިމް) އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ އާ ލަވަ ޔޫޓިއުބަށް ދޫކޮށްލައިފިއެވެ.

އިއްޔެ އާންމުކުރި މި ލަވައަކީ ކުޑަކުދިންނަށް ހާއްސަ ހަދިޔާއެއްގެ ގޮތުގައި އޭނާ ތައްޔާރުކުރި އުފެއްދުމެކެވެ. މިއީ އާޒިމް އޭއައި މެދުވެރިކޮށް އުފެއްދި ތިންވަނަ ލަވައެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އުފައްދާފައިވާ މި ލަވައަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މިއީ ރާއްޖޭގެ މިއުޒިކީ ދާއިރާއަށް އައިސްފައިވާ އާ ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

މި ލަވަ އުފެއްދުމަށް އާޒިމްއަށް ހިޔާލު ލިބިފައި ވަނީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ކިޔަމުން އަންނަ "ސަފަރު ކަތްދަ" ގެ ވާހަކައިންނެވެ. ސަފަރު ކަތްދައަކީ ދިވެހި ފޯކްލޯ ވާހަކަތަކުގެ ތެރޭގައި ހިމެނޭ ވަރަށް މަޝްހޫރު ޝަހްސިއްޔަތެކެވެ.

ތާރީހީ ލިޔުންތަކާއި ކާބަފައިންގެ ވާހަކަތަކުން އެނގޭ ގޮތުގައި، ސަފަރު މަހުގެ ދިހަވަނަ ވިލޭރޭ ސަފަރު ކައިދާ އޭނާގެ ގިނަ އަދަދެއްގެ ދަރިން ގޮވައިގެން ރަށުތެރެއަށް އަރައެވެ. އަދި އެރޭ ރަށުގެ ވަޅުތައް ބައްދައި، ފުންޑަން ގެންގުޅޭ ދަލާއި މޯގަނޑު ފަދަ ތަކެތި ފޮރުވުމަކީ ކުރީގެ ދިވެހިން ކުރަމުން އައި ކަމެކެވެ. ސަބަބަކީ ސަފަރު ކަތްދަ އައިސް އެމީހުންގެ ވަޅުތަކުން ފެން ނަގައި، ދަލާއި މޯގަނޑުގައި ހަވާދު ފުނޑާނެކަމަށް ގަބޫލުކުރެވޭތީއެވެ.

މިފަދަ މުއްސަނދި ސަގާފީ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ލަވައިން، މިއަދުގެ ކުޑަކުދިންނަށް ދިވެހިންގެ ކުރީގެ އާދަކާދަތަކާއި ވާހަކަތައް އުނގަންނައިދިނުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ކުޑަކުދިންގެ މުނިފޫހިފިލުވުމުގެ އިތުރުން، ދިވެހި ތާރީހާއި ސަގާފަތް ދިރުވައި އާލާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

https://youtu.be/6LmCyttKAN4?si=OST3rrCBYl-eAUm3

މި ލަވައިގެ އެންމެ ހާއްސަ އެއް ސިފައަކީ މުޅި އުފެއްދުމުގައި އޭއައިގެ ދައުރު ބޮޑުވުމެވެ. އާޒިމް ބުނާ ގޮތުގައި މި ލަވައިގެ ޅެން އޭނާ އަމިއްލައަށް ހަދާފައިވީ ނަމަވެސް، ލަވަ ކިޔުއްވާފައި ވަނީ އޭއައި މެދުވެރިކޮށެވެ. މީގެ އިތުރުން ލަވައިގެ ވީޑިއޯއިން ފެންނަ ކޮންމެ މަންޒަރަކީވެސް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ މަންޒަރުތަކެކެވެ. މިއީ ރާއްޖޭގައި މިގޮތަށް އުފެއްދި މަދު ލަވަތަކުގެ ތެރެއިން އެއް ލަވައެވެ.

މިއީ އާޒިމްގެ ތިންވަނަ އޭއައި ލަވައަށް ވާއިރު، މީގެ ކުރިންވެސް އޭނާ ވަނީ މިފަދަ އުފެއްދުންތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައެވެ. އެގޮތުން، ފާއިތުވި އަހަރު އޭނާ ވަނީ "މާލި މާލި ނުކުންނާނޭ" އަދި "ނީލަން ތިޔޭ" ގެ ނަމުގައި ދެ ލަވައެއް ނެރެފައެވެ. މި ދެ ލަވައަށްވެސް ބެލުންތެރިންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބިފައިވެއެވެ.

ކުރިމަގުގައިވެސް މިފަދަ އިތުރު އުފެއްދުންތަކެއް ނެރުމަށް އާޒިމް ވަނީ ނިންމާފައެވެ. އޭނާގެ އަާ ލަވައާ ގުޅޭގޮތުން ވާހަކަދައްކަމުން އާޒިމް ބުނެފައިވަނީ، “އުއްމީދަކީ މިފަހަރުގެ ލަވަ ވެސް ބެލުންތެރިންނަށް ކަމުދިޔުން. އިތުރު މަސައްކަތްތަކެއް އަދި ފެންނާނެ،” ކަމަށެވެ.