މިއަދަކީ ދިވެހިރާއްޖޭގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހެވެ. ކޮންމެ އަހަރެއްގެ މެއި މަހުގެ 10 ވަނަ ދުވަހު މި ދުވަސް ފާހަގަކުރާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ސްކޫލްތަކާ، އެކި ޖަމިއްޔާ ޖަމާއަތްތަކުން ކުޑަކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް ގިނަ ހަރަކާތްތަކެއް ހިންގައެވެ. ނަމަވެސް، މި އުފާވެރިކަމުގެ ފަހަތުގައި ފޮރުވިފައިވާ ހިތާމަވެރި ހަގީގަތަކީ، ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގޯނާގެ މައްސަލަތައް އަދިވެސް ކަންބޮޑުވާ މިންވަރެއްގައި އޮތުމެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ގާނޫނީ ގޮތުންނާ، މުއައްސަސާތަކުގެ ފެންވަރުގައި މަސައްކަތްތަކެއް ކުރެވެމުންދިޔަ ނަމަވެސް، ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަކީ މިއަދުވެސް ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ 2026 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އަދިވެސް މަދެއް ނުވެއެވެ. އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ޖަނަވަރީ މަހު އެކަނިވެސް ކުޑަކުދިންނަށް އަނިޔާކުރުމުގެ 64 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުވުމުގެ 30 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، ޖިންސީ ގޯނާގެ 13 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ނަފްސާނީ ހާނިއްކައިގެ 7 މައްސަލަ އާއި ޖިސްމާނީ ހާނިއްކައިގެ 04 މައްސަލަ ހުށަހަޅާފައިވެއެވެ.

މާޗް މަހު ރިޕޯޓްކޮށްފައިވާ މައްސަލަތައް

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުދިންގެ ތެރޭގައި އަންހެން ކުދިންގެ ނިސްބަތް އިންތިހާއަށް މައްޗެވެ. އެގޮތުން މާޗް މަހު ރިޕޯޓުކުރެވުނު ޖިންސީ ގޯނާގެ މައްސަލަތަކުގެ ތެރެއިން 12 މައްސަލައަކީ އަންހެން ކުދިންނާ ގުޅޭ މައްސަލަތަކެވެ. ފިރިހެން ކުއްޖަކާ ގުޅޭ ގޮތުން ރިޕޯޓުކޮށްފައިވަނީ އެންމެ މައްސަލައެކެވެ. މީގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރުވެސް 151 އަށް ވުރެ ގިނަ ކުދިން އެބަތިއްބެވެ. އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމަށް ގާއިމުކޮށްފައިވާ ހެލްޕްލައިން 1412 އަށް ޖަނަވަރީ މަހު އެކަނިވެސް 1،964 ކޯލު ލިބިފައިވާއިރު އޭގެ ތެރެއިން، 97 ކޯލަކީ ކުޑަކުދިންގެ ފަރާތުން ލިބިފައިވާ ކޯލުތަކެވެ. މިއީ މުޖުތަމައުގެ ތެރޭގައި ކުޑަކުދިންނަށް އޮތް ރައްކާތެރިކަން ކުޑަވެފައިވާ މިންވަރު ހާމަކޮށްދޭ ކަންބޮޑުވާންޖެހޭ އަދަދުތަކެކެވެ.

ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ އިތުރުން، އިންޓަނެޓުގެ ޒަރީއާއިން ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޗައިލްޑް ލައިޓް ގްލޯބަލް ޗައިލްޑް ސޭފްޓީ އިންސްޓިޓިއުޓުން 2024ވަނަ އަހަރު ނެރެފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދެކުނު އޭޝިއާ ސަރަހައްދުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ތަކެތި (ސީސޭމް) އަށް އެންމެ ގިނައިން ވަންނަ ކަމަށް ރެކޯޑުކުރެވިފައިވަނީ ދިވެހިރާއްޖެއިންނެވެ.

އެ ރިޕޯޓުގައިވާ ގޮތުން، އާބާދީގެ ކޮންމެ 10،000 މީހަކަށް 94 ނޯޓިސް ރާއްޖެއިން ވަނީ ރެކޯޑުކުރެވިފައެވެ. މިއީ އާބާދީގެ ނިސްބަތުން ބަލާއިރު މުޅި ސަރަޙައްދުގައިވެސް އެންމެ މަތީ އަދަދެވެ. މިކަމާ ގުޅިގެން ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، މިއީ އާބާދީ ކުޑަ ގައުމަކަށް ބަލާއިރު ވަރަށް ނުރައްކާތެރި އަދި ކަންބޮޑުވާންޖެހޭ ހާލަތެއް ކަމަށެވެ. އެހެންކަމުން، އިންޓަނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ކުރާ ގޯނާ ހުއްޓުވުމަށްޓަކައި ފުލުހުންނާއި ޑިޖިޓަލް ހިދުމަތްދޭ ފަރާތްތަކާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ އިދާރާތައް ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުން ވަރަށް މުހިއްމުކަން އެނގިގެންދެއެވެ.

ޗައިލްޑް ލައިޓް ގްލޯބަލް ޗައިލްޑް ސޭފްޓީ އިންސްޓިޓިއުޓުން 2024ވަނަ އަހަރު ނެރެފައިވާ ރިޕޯޓު

ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމު ރާއްޖޭގައި އޮތް މިންވަރު ވަޒަންކުރުމަށް ޔުނިސެފުން ދާދިފަހުން ވަނީ "ޗައިލްޑް ޕްރޮޓެކްޝަން ސިސްޓަމް ޕަރފޯމަންސް އިންޑެކްސް" އެއް އެކުލަވާލާފައެވެ. މި އިންޑެކްސްގައި ރާއްޖެއަށް ލިބިފައިވަނީ 100 އިން 51.96 ޕޮއިންޓެވެ. މި ނަތީޖާއިން ދައްކައިދެނީ ރާއްޖޭގެ ނިޒާމު އަދި އޮތީ ނިޒާމު ހަރުދަނާކުރުމުގެ މަރުހަލާގައި ކަމަށެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ ސިޔާސަތުތައް އެކުލަވާލެވިފައި އޮތް ނަމަވެސް، މުޅި ގައުމުގައި އެއް ހަމައެއްގައި މި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ އިތުރުން، ކުށްކުރާ ކުޑަކުދިންގެ މައްސަލައަކީވެސް މިއަދު ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އދ. ގެ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އިން 2026 ވަނަ އަހަރުގެ ކުރީކޮޅު ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ 150 ކުދިން މިހާރުވެސް އެކި ކުށްތަކުގައި ޝާމިލުވެފައިވެއެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ބަދަލުގެ މައިގަނޑު މަގްސަދަކީ އެ ކުދިންނަށް އަދަބު ދިނުމުގެ ބަދަލުގައި، ރިހެބިލިޓޭޝަން ނުވަތަ ފަރުވާގެ ޕްރޮގްރާމްތަކުގެ ތެރެއިން އެ ކުދިން އަނބުރާ މުޖުތަމައުއަށް ގެނައުމެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުންދާއިރު، ހަމައެކަނި އުފާފާގަތިކަމުގެ ހަރަކާތްތަކަކުން ފުއްދާލެވެން ނެތްކަން މި ތަފާސްހިސާބުތަކުން ސާފުވެއެވެ. ސަރުކާރުން މިހާރު އެކުލަވާލަމުންދާ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭންގެ ދަށުން ކުޑަކުދިން ރައްކާތެރިކުރުމުގެ އައު ސިޔާސަތުތަކެއް ތަންފީޒުކުރަން ފެށުމަކީ މި ދާއިރާއިން ކުރިއަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. މި ޕްލޭންގެ ދަށުން ކުޑަކުދިންގެ ހައްގުތަކާ ގުޅޭ އައު ސިޔާސަތުތައް އެކުލަވާލަންޖެހެއެވެ. ކުޑަކުދިންނާ މެދު އިހްމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅެންޖެހެއެވެ. ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ހޯދާ ދިނުމާއެކު، އެކުދިން ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެންމެންގެ ޒިންމާއެކެވެ. ކޮންމެ އިހުމާލަކީ އަނިޔާއެކެވެ.