މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ދެއްވި ހާއްސަ މެސެޖެއްގައި، ކުޑަކުދިންގެ ދުޅަހެޔޮކަމުގެ އެންމެ ބޮޑު ބިންގަލަކީ އާއިލާގެ ތެރޭގައި އޮންނަ ހަމަޖެހުން ކަމުގައި ވިދާޅުވެއްޖެއެވެ.
އެކަމަނާ ދެއްވި މެސެޖުގައި ވަނީ، ކުދިންނަށް ބޭނުންވާ ލޯތްބާއި އަޅާލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އާއިލާގެ މެންބަރުންގެ މެދުގައި އޮންނަ އެކަކު އަނެކަކަށް ކުރާ އިހްތިރާމާއި އޯގާތެރިކަމަކީ ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ސީދާ ގުޅިފައިވާ ކަންކަން ކަމުގައި ފާހަގަކުރެއްވިއެވެ.
ކުޑަކުދިން ހެދިބޮޑުވުމުގައި އާއިލީ ވެށީގެ ދައުރު ވަރަށް ބޮޑުކްނ ސަޖިދާ ފާހަގަކުރައްވާފައިވާ އިރު، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި އާއިލީ މައްސަލަތަކާއި ދަރިން ތަރުބިއްޔަތުކުރުމުގައި ގިނަ ގޮންޖެހުންތަކަކާ ދަނީ ކުރިމަތިވަމުންނެވެ. އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، އިގްތިސޯދީ ސަބަބުތަކާ ހުރެ ދިވެހި މައިންބަފައިންގެ ތެރެއިން 60 ޕަސެންޓް މީހުންނަށް ދަރިންނާއެކު އެކަށީގެންވާ ވަގުތު ހޭދަކުރުމަށް ދަތިތަކާ ކުރިމަތިވެއެވެ. މީގެ އިތުރުން، މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި އަހަރު އެކަނިވެސް އިޖުތިމާއީ ރައްކާތެރިކަމުގެ 2،800 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާ އިރު، އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ 250 އަށްވުރެ ގިނަ މައްސަލައާއި، އިހުމާލުވުމުގެ 250 މައްސަލަ ހިމެނެއެވެ.
ކުޑަކުދިންގެ ދުވަހާ ގުޅިގެން ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، ކުޑަކުދިންގެ ދުޅަހެޔޮކަމަށް އެންމެ ބޭނުންވަނީ ހަމަޖެހުން އޮތް އާއިލާއެއްގެ ތެރޭގައި ހެދިބޮޑުވުމުގެ ފުރުސަތު ކަަމަށެވެ. އިހުތިރާމާ އެކު އެކަކު އަނެކަކާ މުއާމަލާތްކޮށް އޯގާތެރިކަމާއެކު އެހީތެރިވެދޭ އާއިލީ ވެއްޓެއްގައި އުޅުމުގެ ފުރުސަތު ކަމަށާއި އަނިޔާއާއި ބިރުވެރިކަމެއް ނެތް ރައްކާތެރި އާއިލީ މާހައުލެއްގައި ޅަފުރާ ވޭތުކުރުމުގެ ފުރުސަތު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
