ދިވެހިރާއްޖޭގެ ގައުމީ ސިޔާދަތު ރައްކާތެރިކޮށް "ދިވެހިރާއްޖެ އިސްކުރުން" ނުވަތަ މޯލްޑިވްސް ފަސްޓް ހާރިޖީ ސިޔާސަތު ދެމެހެއްޓުމަށް ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރަމުންދާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ މިނިވަންކަމާއި، ޒިންމާދާރުކަމާއެކު ގައުމީ މަސްލަހަތު އިސްކުރުމުގެ މައްޗަށް ކަމަށާއި މީގެ އިތުރުން އިންސާނީ ހައްގުތައް ކުރިއެރުވުމާ ގައުމީ އަދި ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓުމަކީ ވެސް ސަރުކާރުގެ އަމާޒެއްކަމަށެވެ.
މި ސިޔާސަތުގެ ދަށުން ވަކި ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި ހުރިހާ ގައުމަކާ އެކު ވެސް ހަމަހަމަ ގުޅުމެއް ބޭއްވުމަށް ސަރުކާރުން މަސައްކަތްކުރަމުން ދާކަން ހާމަކުރަމުން ފޮރިން މިނިސްޓްރީން ބުނީ ދޭދޭ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު ސަރަހައްދީ ސުލްހަޔާއި ކަނޑުމަތީގެ ސަލާމަތުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީއާއި ބައިނަލްއަގުވާމީ ހަމަޖެހުން ގާއިމުކުރުމަށް އިސްކަންދެމުންދާކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ދައުލަތުގެ އިސް މަގާމުތައް ކުރިން ފުރުއްވާފައިވާ ބޭފުޅުން ހާރިޖީ ސިޔާސަތާއި ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން އާންމުކޮށް ދައްކަވާ ވާހަކަތަކާމެދު ކަންބޮޑުވާކަމަށެވެ. ފަހަކަށް އައިސް މެދުއިރުމަތީގެ މައްސަލަތަކާއި އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭގޮތުން ސޯޝަލް މީޑިއާއާއި އެހެނިހެން މަންސަތަކުގައި ކުރީގެ ބައެއް އޮފިޝަލުން ދައްކަވާފައިވާ ވާހަކަތަކަށް އިޝާރާތްކުރަމުން ފޮރިން މިނިސްޓްރީން ބުނީ ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭގޮތުން ދެވޭ މިފަދަ ބަޔާންތަކުގެ ސަބަބުން ގައުމަށް ބޮޑެތި އަސަރުތަކެއް ކުރާނެކަމަށެވެ.
ގައުމުގެ މަސްލަހަތާއި ބޭރުގެ ގުޅުންތަކަށް އަސަރުކުރާ ފަދަ މައްސަލަތަކުގައި ވާހަކަދައްކަވާއިރު ޒިންމާދާރުކަން އިސްކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދިވެހި ރައްޔިތުންގެ ދިގު މުއްދަތުގެ ފައިދާއާއި، ގައުމުގެ ކަރާމާތް ރައްކާތެރިކުރުމަށް ޓަކައި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.
