އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ އިއުލާނާ، އިންތިހާބުގެ ޓައިމްލައިން ބާތިލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރުއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ފިޔަވަޅު އަޅަން ނިންމީ އިންތިހާބާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، މިދިޔަ މަހުގެ 23 ގައި ޕާޓީއަށް ފޮނުވި ސިޓީއަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާތީއެވެ.

މައްސަލަ ހުށަހެޅި މައިގަނޑު ސަބަބުތައް ހާމަކުރައްވަމުން ޝާއިރު ވިދާޅުވީ ޕާޓީގެ އިންތިހާބާ ބެހޭ ގަވާއިދު ބުނާގޮތުން ޝަކުވާތަކަށް 48 ގަޑިއިރު ތެރޭގައި ޖަވާބު ދޭންޖެހުނު ނަމަވެސް، 10 ދުވަސް ވެގެންދިޔައިރުވެސް ޕާޓީން އެއްވެސް އިޝާރާތެއް ކޮށްފައެއް ނުވެއެވެ.

އިތުރަށް ޝާއިރު ފާހަގަކުރެއްވި ގޮތުގައި، އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން އިންތިހާބުގެ ޓައިމްލައިން ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަށެވެ. ނަމަވެސް، މިހާރު އެ ބާރުގެ ބޭނުން ކުރަމުންދަނީ އެހެން ފަރާތްތަކަކުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އިސްތިއުނާފު މަޖިލީހުގެ ރައީސް ފޮނުއްވި ސިޓީއަކަށް ޕާޓީގެ ޗެއާޕާސަންގެ ފަރާތުން ހުރަސް އަޅަމުންދާ ކަމަށްވެސް ޝާއިރު ވަނީ ތުހުމަތު ކުރައްވާފައެވެ. އިތުރަށް ޝާއިރު ވިދާޅުވީ މި މައްސަލައިގައި އެދެނީ އިންތިހާބު ބާތިލުކުރަން ނޫންކަމަށެވެ. އެކަމަކު އިންތިހާބަށް ކަނޑައަޅާފައިވާ ޓައިމްލައިން ބާތިލުކޮށްދިނުމަށް ކަމަށާއި އެ ގޮތަށް އެދިފައިވަނީ އެ ޓައިމްލައިން ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށްވާތީ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެމްޑީޕީގެ ރަސްމީ ބަހެއް އަދި ލިބިފައި ނުވާއިރު، މި އިންތިހާބުގެ ވާދަވެރިކަން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ޕާޓީގެ އެތެރޭގެ މަސްލަހަތުވެސް ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ޕާޓީގެ ވަގުތީ ޗެއާޕަސަން ވަނީ އިންތިހާބު ބޭއްވުމަށް ބޭނުންވާ ފައިސާ ނެތްކަމުގެ ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ.