މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން ޕާޓީގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މިދަނޑިވަޅުގައި، އިންތިހާބު ލަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މި މައްސަލަ ފެންމަތިވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) ފޮނުއްވި މެސެޖަކާ ގުޅިގެންނެވެ. އެ މެސެޖުގައި ގަފޫރު ވިދާޅުވީ، ޗެއާޕާސަން އިންތިހާބާއި ދާއިރާތަކުގެ އިންތިހާބު މިވަގުތު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ސަބަބުން މިހާރުގެ ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ސަރުކާރުން ޕާޓީއަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް ލިބިފައި ނުވާތީ، އިންތިހާބުތައް ރިޔާސީ ޕްރައިމަރީއަށް ފަހު ބޭއްވުމަށް އޭނާ ހުށަހެޅުއްވިއެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މިއީ ވަކި ބަޔަކަށް މަންފާ ވާނެގޮތަށް ކުރާ ކަމެއްގެ ގޮތުގައި ތުހުމަތުކުރައްވާފައެވެ. އެގޮތުން މީކާއީލް ވިދާޅުވީ ޕާޓީގެ ޗެއާޕާސަން އިންތިހާބު ލަސްކުރަން އުޅޭ އުޅުމަކީ އޭނާގެ އިތުރުން ޕާޓީގެ އެއްވެސް މެންބަރަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ވަކި ބަޔަކަށް ފައިދާވާގޮތަށް އިންތިހާބާ ނުކުޅުއްވައި، ކޮމިޓީއިން ނިންމާފައިވާ ނިންމުމަށް އިހްތިރާމް ކުރެއްވުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

މީކާއީލުގެ މި ބަސްތައް އަމާޒުވަނީ އޭނާ އާ އިދިކޮޅަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. މި މައްސަލައިގައި ނަޝީދަށް ތާއީދުކުރައްވާ، އަދި ނަޝީދާއެކު އިސްސަފުގައި ކެމްޕޭނުގައި ހަރަކާތްތެރިވަމުންދާ ފައްޔާޒު އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބު ލަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އިންތިހާބަށް ބޭނުންވާ ފައިސާ ވެސް ހޯދޭނެ ކަމަށެވެ. ފައްޔާޒުވެސް ބާރުއެޅުއްވީ އިންތިހާބު ލަސްކުރުމުގެ ބަދަލުގައި އިންތިހާބު އަވަސްކުރުމަށެވެ.

މި ބަހުސް ހޫނުވެފައިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވާނެ ތާރީހަކާ މެދު ގޮތެއް ނުނިމި، ޕާޓީގެ ލީޑަޝިޕްގެ ތެރޭގައި ހިޔާލުތަފާތުވުންތައް އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެމްޑީޕީއަށް ދާއިމީ ޗެއާޕާސަންއެއް ހޮވުމަށް ބާއްވާ އިންތިހާބު ތާވަލުކޮށްފައިވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބާއްވާ ގޮތަށެވެ. އެމްޑީޕީން ވަނީ 02 މެއި 2026 ގެ 14:00 އާ ހަމައަށް އެޕާޓީގެ ޗެއާޕާސަންގެ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައެވެ.