ސަރުކާރުގެ އެކި އޮފީސްތަކާއި ވުޒާރާތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ހާމަކުރެވޭނީ، އެ އަދަދު މަދުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް އެއްކޮށް ނިމުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، “ޕްރެސާ ވިތު ދަ ސްޕޮކްސް” ގެ ނަމުގައި ސަރުކާރުގެ އާ ތަރުޖަމާނުގެ ހައިސިއްޔަތުން ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މި ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރައްވަނީ ކީއްވެގެންތޯ އާއި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރާނެ ކަމަށް ބުނުމަށްފަހު، އެ އަދަދު އެއަށްވުރެ އިތުރުވެގެން ދިޔަ ސަބަބު ހާމަކުރުމަށް އެދިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ މި ސަރުކާރުގެ އިންތިގާލީ މަރުހަލާގައި އަންދާޒާއެއްގެ ގޮތުން އިއުލާން ކުރި އަދަދެއް ކަމަށެވެ.

ނަމަވެސް ސިޔާސީ މުވައްޒަފުންގެ އަދަދު އެ އިންތިގާލީ އަންދާޒާއަށް ވުރެ ގިނަވެގެން ދިޔަ ސީދާ ސަބަބެއް މުންދު ހާމައެއް ނުކުރައްވައެވެ. ސަރުކާރުގެ އަމާޒަކީ ވީހާވެސް ބޮޑަށް ހަރަދު ކުޑަކޮށް، ނަތީޖާ ނެރެވޭނެ ގޮތަކަށް ސަރުކާރުގެ އޮނިގަނޑު ބައްޓަންކުރުން ކަމަށް މުންދު ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮންމެ އަހަރަކު ވެސް ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް ހާއްސަ އެސެސްމަންޓެއް ކުރިއަށްގެންދާ ކަމަށާއި، މި އަހަރުގެ އެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް ވެސް މުންދު ވިދާޅުވިއެވެ. މި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، އެކަށީގެންވާ ނަތީޖާ ނުނެރެވޭ ފަރާތްތައް ވަޒީފާއިން ވަކިކުރުން ނުވަތަ އެހެން ވުޒާރާއަކަށް ބަދަލުކުރުން ފަދަ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ސަރުކާރުން މިހާރު ވެސް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ އިރު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި، ސަރުކާރުގެ އެކި ވުޒާރާތަކުގައި ތިބި 228 ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދި ފަހުން ނިންމަވާފައެވެ. މި ނިންމެވުމުގެ ދަށުން މަހެއްގެ މައްޗަށް ދައުލަތުގެ ބަޖެޓުން 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެއީ އަހަރަކަށް ބަލާނަމަ ގާތްގަނޑަކަށް 68.6 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ސިޔާސީ މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ވެސް ވަނީ ނިންމާފައެވެ. މި ފިޔަވަޅުތަކަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ސަރުކާރުން ދެކެއެވެ. ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ހާމަކުރުން ލަސްވަމުންދާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް، ސަރުކާރުން ބުނަމުން ދަނީ މިހާރު ކުރިއަށްދާ އިސްލާހީ މަސައްކަތްތަކާއި މުވައްޒަފުންގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތްތައް އެއްކޮށް ނިމުމުން، ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ވަރަށް ސާފުކޮށް ރައްޔިތުންނަށް ފެންނަން ހުންނާނެ ކަމަށެވެ.